ކަޅު ނަސްލުގެ މީހުންނަށް ނިސްބަތްކޮށް ޖަނަވާރެކޭ ބުނެވުމުން މައާފަށް އެދިއްޖެއެވެ.

އެކަން ހިނގި ގޮތަކީ ފޭސްބުކްގެ އޮޓޯ ފޭސް ރެކޮގްނިޝަން ނުވަތަ އަމިއްލަ އަށް ކާކުކަން ދެނެގަންނަ ފީޗަރއަކުން ކަޅު ނަސްލުގެ މިހުންނަކީ "ޕްރައިމެޓްސް" އެއްގެ ގޮތުގައި ދެނެގަނެ އެހެން ލޭބަލް ކުރީއެވެ. ޕްރައިމެތްސް އަކީ ރާމާމަކުނު އާއިލާގެ ބައެއްކަހަލަ ޖަނަވާރަށް ނިސްބަތްކޮށް ބޭނުން ކުރާ ބަހެކެވެ.

ފޭސްބުކްގައި ހިއްސާ ކުރި ވީޑިއޯއްގައި ކަޅު ނަސްލުގެ އެ މީހާ އަށް ނިސްބަތްކޮށް ޖަނަވާރެކޭ ބުނި މައްސަލަ އާއި ގުޅިގެން އެ ފަންޝަން އިތުރަށް މަސައްކަތް ނުކުރާ ގޮތަށް ހަދާ މި މައްސަލަ އާއި ގުޅޭ ތަހުގީގެއް ކުރުމަށް ފޭސްބުކުން މިހާރު ވަނީ ނިންމާފައެވެ.

މި މައްސަލަ ފެންމަތިވީ އިނގިރޭސިވިލާތުގައި ފޭސްބުކް މެދުވެރިކޮށް ކަޅު ނަސްލުގެ މީހުން ހިމެނޭ ވީޑިއޯ އެއް ގެނެސްދެމުން ދަނިކޮށެވެ. ވީޑިއޯގެ މެދެއްހާ ހިސާބުން ބެލުންތެރިންނަށް ލިބޭ މެސެޖުގައި އޮންނަނީ "ރާމާމަކުނުތައް ފަދަ ޖަނަވާރުތަކާއި" ގުޅޭ ވީޑިއޯ އިތުރަށް ބަލަން ބޭނުންތޯ ސުވާލުކޮށްފައެވެ.

އެ ހިސާބުން އެ މައްސަލަ ހޫނުވެ ފޭސްބުކް ވަނީ ހޫނުފެނަށް ވެއްޓިފައެވެ. މިއީ މިދިޔަ ޖޫން މަހު ނެގި ވީޑިއޯއަކަށް ވީނަމަވެސް މިފަދަ މައްސަލައެއް ފެންމަތިވާކަން އެނގުނީ ދާދިފަހުންނެވެ. އެ ވީޑިއޯގައި ކަޅު ނަސްލުގެ މީހުންނަށް ދޮން ނަސްލުގެ ފުލުހުންނާއި މެދު ހިނގާ މުއާމަލާތުގެ ވާހަކަ ގެނެސްދޭ އިރު އެފަދަ މެސެޖެއް ހިމެނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބެލުންތެރިން ދަނީ ބުނަމުންނެވެ. ސަބަބަކީ މިހާރު ވެސް ކަޅު ނަސްލުގެ މީހުން ދަށްކޮށްލުމާއި، އެ މީހުންނަށް ލާ އިންސާނީ އަނިޔާކުރުމާއި، އެ މީހުންނަކީ އަޅުންކަމަށް ބުނުން ފަދަ ކަންކަން ހުޅަނގުގެ ގައުމުތަކުގައި ހިނގަމުން ދިއުމެވެ.

ފޭސްބުކްގެ ތަރުޖަމާނަކު މީޑިއާ އަށް ބުނީ އެއީ ބަލައިގަނެވޭ ފަދަ ކަމެއް ނޫން ކަމަށާއި އެ ކުށަށް އިންތިހާ އަށް މައާފަށް އެދޭ ކަމަށެވެ. އަދި އެ މެސެޖު ލިބުމަށް މެދުވެރިވި ސޮފްޓްވެއާ ވަގުތުން ނަގާފައިވާ ކަމަށް ވެސް އެ މީހުން ބުނެއެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ހިނގިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ފޭސްބުކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަނައްޓޭ

    ކޮބާތަ ޝަފިއްޔާ ސްޓެއިންހިލްބާގަރ. ފޭސް ބުކް ބޭނުންކުރުން ހުއްޓާލަން ކެރޭނެތަ