ކޮވިޑް-19 ޖެހިގެން މެލޭޝިއާއިން އިތުރު 336 މީހަކު މަރުވެއްޖެއެވެ.

މެލޭޝިއާއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކަށް ބަލާއިރު، 23 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިފައިވާ ގައުމެވެ. އެގައުމުން ގިނަ ބަޔަކު ކޮވިޑް ބަލީގައި މަރުވަމުން އަންނަނީ އެބަލީގެ ޑެލްޓާ ވޭރިއެންޓް ފެތުރެން ފަށާފައިވާތީ ކަމަށް ރިޕޯޓްތަކުން މީގެ ކުރިން ވަނީ ބުނެފައެވެ.

ކޮވިޑްގެ އެންމެ ފަހު ތަފާސް ހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ނެރެފައިވާ މައުލޫމާތަށް ބަލާއިރު، މެލޭޝިއާއިން ފާއިތުވި 24 ގަޑިއިރު، 336 މީހަކު މަރުވެ، ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 18,219 އަށް އަރާފައެވެ. އަދި އިތުރު 20,396 މީހަކު މި ބައްޔަށް ފައްސިވެ، ޖުމްލަ އަދަދު ވަނީ 1,844,835 އަށް އަރާފައެވެ.

މެލޭޝިއާއިން އެއް ދުވަސް ތެރޭ އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 24،599 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި އެންމެ ގިނަ މީހުން އެއްދުވަސް ތެރޭ މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ ވެސް ހަމަ އެދުވަހުއެވެ. އެގޮތުން އެދުވަހު އެގައުމުން 393 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 1,570,827 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު އެގައުމުގައި ބަލި ޖެހިފައިވާ 255,789 މީހަކު އެބަ ތިއްބެއެވެ. އޭގެ ތެރެއިން 959 މީހަކަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެންނެވެ.

މިއީ ކޮވިޑް ފެތުރެން ފެށި ފަހުން އެގައުމުން އެންމެ ގިނަ ބަޔަކު ބައްޔަށް ފައްސިވެ، މަރުވަމުން އަންނަ ދުވަސްކޮޅުކަން ފާހަގަ ކޮށްލެވެއެވެ.