މެކްސިކޯ ގަޑިން ބުދަ ވިލޭރޭ މެންދަމު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި މެކްސިކޯ އަށް އައި ބިންހެލުން ވަނީ 07 މެގްނެޓިއުޑްގެ ބާރުމިނުގައި ރެކޯޑް ކުރެވިފައެވެ. ބިންހެލުން އައިސްފައި ވަނީ އައްސޭރި ފަށުގައި އޮންނަ ރަށެއް ކަމަށްވާ ލޮސް އޮގާނޮސް އަށެވެ.

ބިންހެލުން އައި ފަހުން ވަނީ ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. ނަމަވެސް މިހާރު ވަނީ އެއިންޒާރު އުވާލާފައެވެ.

ބިންހެލުމުގެ ބާރު ވަރަށް ގަދަ ނަމަވެސް ބިންހެލުމުގެ ސަބަބުން އިމާރާތެއް ވެއްޓުނު ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް އިމާރާތްތަކަށް ބިންހެލުމާއިއެކު ވަރަށް ބޮޑަށް ލޮޅުން އެރި ކަމަށް ބިންހެލުން އައި ސަރަހައްދުގެ މީހުން ބުނެއެވެ.

ބިންހެލުން އައި ފަހުން ގިނަ ބަޔަކަށް ވަނީ ކަރަންޓްގެ ހިދުމަތް މެދުކެނޑިފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ކަރަންޓްގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

ބިންހެލުމާއި ގުޅިގެން ރޭލްވޭގެ ހިދުމަތް ވެސް ވަނީ މެދުކަނޑާލާފައެވެ. މެޓްރޯ ސާވިސް އިން ބުނާ ގޮތުގައި ރޭލް ދަތުރުތަކުގެ ހިދުމަތް އަލުން ފަށާނީ ބިންހެލުމުގެ ސަބަބުން ރޭލް މަގުތަކަށް ގެއްލުމެއް ލިބިފައި ވޭތޯ ބެލުމަށް ފަހުއެވެ.

މެކްސިކޯ އަށް ބިންހެލުމެއް އައުމަކީ ވަރަށް އާއްމު ކަމެކެވެ. އެގައުމަށް މިހާތަނަށް އައި އެންމެ ބާރުގަދަ ދެބިންހެލުމަކީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އައި ބާރުގަދަ ބިންހެލުމާއި 1985 ވަނަ އަހަރުގެ ސެޕްޓެމްބަރ 19 ވަނަ ދުވަހު އައި ބިންހެލުމެވެ. އެދެބިންހެލުމުގައި މަރުވި މީހުންގެ އަދަދު 9500 އަށް އަރައެވެ.

ބިންހެލުންތައް އާއްމުކޮށް އައްނާތީ މެކްސިކޯގައި އިމާރާތްތައް މިހާރު ކޮށްފައި ހުންނަނީ ވަރަށް ވަރުގަދައަށެވެ.