އިންޑޮނޭޝިއާގެ ޖަލެއްގައި ރޯވެ 41 މީހުން މަރުވެ ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އިންޑޮނޭޝިއާގެ ބަންޓެން ޕްރޮވިންސުގެ ތަންގެރެންގައި ހުންނަ ޖަލެއްގައެވެ. މިހާތަނަށް 41 މީހުން އަލިފާނުގެ ހާދިސާގައި މަރުވެފައިވާ އިރު ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ.

ޖަލުގައި ރޯވި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އޮފިޝަލުންނާ ހަވާލަދީ ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގީ ރޭގެ ވަގުތެއްގައެވެ. އަލިފާން ރޯވި ވަގުތަކީ ޖަލުގައި ތިބި ގައިދީން ނިދާފައިވާ ވަގުތަށް ވުމުން އަވަހަށް ސަލާމަތްވެ ރައްކާތެރިވާން ވަގުތު ވެސް ނުލިބުނު ކަމަށް ވެއެވެ.

އޮޕިޝަލުން ބުނީ އިންޑޮނޭޝިއާގެ ވެރިރަށާއި ކައިރީގައި މި ޖަލު ނެތް ނަމަ އަލިފާން ނިއްވާ ފަރާތްތަކަށް އަވަހަށް ނުދެވުނީސް ކަމަށެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވެ ހާލަތު އިތުރަށް ގޯސް ވީސް ކަމަށް އެފަރާތުން ބުނެއެވެ.

މިހާދިސާގައި ގިނަ ބަޔަކު ވަނީ ފިހިފައެވެ. އެފަރާތްތަކަށް ފަރުވާދިނުމަށް އިންޑޮނޭޝިއާގެ ބޮޑެތި ހޮސްޕިޓަލްތަކަށް ގެންދެވިފައިވާ އިރު ކުދިކުދި އަނިޔާތައް ލިބުނު ފަރާތްތަކަށް ފަރުވާދިނުމަށް ކްލިނިކްތަކަށް ވަނީ ގެންދެވިފައެވެ.

ޖަލުގައި އަލިފާނުގެ ހާދިސާ ހިނގި ސަބަބެއް އަދި އެނގިފައި ނުވާއިރު އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ގޮތް ހޯދަމުންނެވެ. އަލިފާން ރޯވި މި ޖަލަކީ 1972 ވަނަ އަހަރު އިމާރާތްކުރި ޖަލެކެވެ. އޭގެ ފަހުން މި ޖަލުގެ ކަރަންޓު ސިސްޓަމް އަޕްޑޭޓް ނުކުރާކަން ފާހަގަ ކުރެވެއެވެ.