ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 675 މީހަކު މަރުވެއްޖެއެވެ.

މެކްސިކޯއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން 15 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ބަލި އަދިވެސް ކޮންޓްރޯލް ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ގައުމެކެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެގައުމުން ބަލީގައި މަރުވާ މީހުންގެ އަދަދު 500 އިން މަތީގައި އުޅޭއިރު، ފައްސިވާ އަދަދު ވެސް އުޅެނީ 10،000 އިން މަތީގައެވެ.

ކޮވިޑްގެ ފަހުގެ ތަފާސް ހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ނެރެފައިވާ މައުލޫމާތަށް ބަލާއިރު، އެގައުމުން އިތުރު 675 މީހަކު މި ބަލީގައި މަރުވެ ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 267,524 އަށް އަރާފައެވެ. އަދި އިތުރު 12,511 މީހަކު ބައްޔަށް ހުށަހެޅި، ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 3,506,743 އަށް އަރާފައެވެ.

މެކްސިކޯއިން އެންމެ ގިނަ މީހުން އެއް ދުވަހެއްގެ ތެރޭގައި މަރުވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،417 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އަދި އެންމެ ގިނަ މީހުން އެއް ދުވަސްތެރޭ ފައްސިވެފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ. އެއީ 18،953 މީހަކު ފައްސިވި ދުވަހެވެ.

މެކްސިކޯއިން ބަލި ޖެހުނު މީޙުންގެ ތެރެއިން 2,843,949 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު މި ބަލި ޖެހިފައި ތިބި 395,270 މީހަކު އެބަ ތިއްބެވެ. އޭގެ ތެރެއިން 4،798 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގެ އައިސީޔޫގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މެކްސިކޯއިން އެންމެ ފުރަތަމަ ކޮވިޑްގެ ވޭދަނައެއް ފެނިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.