މިއަދު އިރުއޮއްސޭ ވަގުރު ރާއްޖެ މަތިން ބައިނަލްއަޤްވާމީ ޖައްވީ އިދާރާ ނުވަތަ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ފެންނާނެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ބުނެފިއެވެ.

ނާސާއިން ބުނީ އުޑުމަތީގައި ވިލާތައް އެތުރިފައިވާ ގޮތަށް ބަލައި، އުޑުމަތި ބަނަ ނޫންނަމަ މިއަދު އިރު އޮއްސި 06:59 ހާއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އައިއެސްއެސް ފެންނާނެ ކަމަށެވެ.

އައިއެސްއެސް ނުވަތަ ޖައްވީ އިދާރާ ދުނިޔެ ވަށައިގެން ދުވާލެއްގެ މައްޗަށް 15 ބުރު ޖަހާއިރު، ދުނިޔެ ވަށައިގެން މި ސްޓޭޝަން ބުރެއް ޖެހުމަށް ކޮންމެ ފަހަރަކު ހޭދަވަނީ 92.69 މިނެޓު ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުޓުބޯޅަ ދަނޑެއްގެ ބޮޑުމިން ހުންނަ މި ސްޓޭޝަނަކީ ބަރުދަނުގައި 420 ޓަނު ހުންނަ 32,333 ކިއުބިކް މީޓަރުގެ ސްޓޭޝަނެކެވެ.

ސްޕޭސް ސްޓޭޝަން ދަތުރު ކުރާނީ މާލެ އާއި ދާދި ކައިރިން އިންޑިއާގެ ބެންގަލޫރާ ސީދާކޮށް ކަމަށްވާއިރު، މި ސްޓޭޝަން މިއަދު ރާއްޖެއަށް ފެންނަން ފަށާނީ 06:54 ގައި ކަމަށާއި، ރާއްޖެއަށް މި ސްޓޭޝަން ފެނިގެންދާނީ 3 ވަރަކަށް މިނެޓަށް ކަމަށް ނާސާއިން ބުނެފައިވެއެވެ.

1998ވަނަ އަހަރު ޖައްވަށް ފޮނުވާލި މި ސްޓޭޝަން ދުނިޔެ ވަށައިގެން ބުރު ޖަހަމުންދާތާ 22 އަހަރު ވެއްޖެއެވެ. ރިޕޯޓުތައް ބުނާގޮތުން މި އަހަރުގެ ޖޫން މަހު ވެސް ދުނިޔޭގެ ބައެއް ހިސާބުތަކަށް ސްޕޭސް ސްޓޭޝަން ދުނިޔެ މަތިން ދަތުރުކުރަމުން ދަނިކޮށް ފެނިފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން މިއަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ރާއްޖެއަށް ޖައްވީ އިދާރާ ދުނިޔެ މަތިން ދަތުރުކުރަމުން ދަނިކޮށް ފެނިފައިވަނީ 19:23 ގައެވެ.