ޔަމަނުގެ ރެޑްސީ ބަނދަރަށް އަމާޒުކޮށް ހޫތީން ފޮނުވާލި މިސައިލް އާއި ޑްރޯން ހަމަލާތަކުގެ ސަބަބުން އާންމުންނަށް ބޭނުންވާ ޒަރޫރީ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައެއް އެޖެންސީތަކުން ބޭނުންކުރަމުން އަންނަ ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޔަމަނުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޔަމަނުގެ ފޮރިން މިނިސްޓްރީއިން ވިދާޅުވީ، ހޫތީންގެ ހަމަލާ އަމާޒުވެފައިވަނީ އެގައުމުގެ ދެކުނުގައި އޮންނަ އަލް-މަލްޙާ ބަނދަރަށް ކަމަށެވެ. އިއްޔެ ހޫތީން ޔަމަނަށް ދީފައިވާ މި ހަމަލައިގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވީ ނަމަވެސް، ޖެޓީއަށާއި އެތަނުގައި ގާއިމްކުރެވިފައިވާ ގުދަންތަކަށް ގެއްލުން ވެފައިވާ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ އެޖެންސީތަކެއްގެ ގުދަންތަކެއްކަން މިނިސްޓްރީއިން ފާހަގަ ކޮށްފައިވި ނަމަވެސް، ކޮން އެޖެންސީތަކެއްކަން ހާމަ ކޮށްފައެއް ނުވެއެވެ.

މި ބަނދަރަކީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ އެތެރެ ކުރުމަށާއި، ޑެލިވާ ކުރުމަށް ބޭނުންކުރާ ބަނދަރެކެވެ. މި ބަނދަރު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވާލިފަހުން އަދި މަސް ދުވަސް ނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާއާއި ގުޅިގެން ހޫތީންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ޔަމަނަށް ފޮނުވާ އެހީގެ ތަކެތި ފުރަތަމަ ގެންދާ އެއްބަނދަރަކީ ހަމަލާ އަމާޒުވި އަލް-މަލްޙާ ބަނދަރެވެ. މިހަމަލާގެ ސަބަބުން ޔަމަނަށް އެހީގެ ތަކެތި ފޮނުވަންށާއި އަދި އެގައުމުގައި ހުރި އެހީގެ ތަކެތި އެކި ސަރަހައްދުތަކަށް ފޮނުވަން ވެސް ހުރަސް އެޅިގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދާހިލީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައި އޮތް ޔަމަންގައި އެތައް ލައްކަ ބަޔަކު ވަނީ އިންސާނީ އެހީތެރިކަމަށް ބޭނުންވެފައެވެ. ޔަމަންގެ ހާލަތު ގޯސްވެ އެތައް ބަޔަކު ބަނޑަށް މަރުވެދާނެ ކަމުގެ އިންޒާރު ވެސް އދ.އިން ވަނީ ދީފައެވެ.