ކޮވިޑް-19 އާއި ގުޅިގެން 18 މަސް ދުވަހަށް ބަންގްލަދޭޝްގެ ސުކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު، އަނެއްކާވެސް ކިޔަވައިދޭން ފަށައިފިއެވެ.

ކޮވިޑް ވޭދަނަތައް ފެތުރި، ގައުމު ނުރައްކާތެރި ހާލަތަކަށް ގޮސްފައިވުމުން ރައްކާތެރި ވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން 543 ދުވަސް ވަންދެން އެގައުމުގެ ސްކޫލުތަކުގައި ކިޔަވައިދީފައެއް ނުވެއެވެ. މިއަދު މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަށް ބަލާއިރު، އެގައުމުގެ ސުކޫލަކަށް ދަރިވަރުން ކިޔެވުމަށް އެނބުރި ދާ މަންޒަރު ފެނިގެންދެއެވެ.

އެގޮތުން ދައުރުވަމުންދާ ފޮޓޯއަކަށް ބަލާއިރު ގްރޭޑް ފަހެއްގައި ތައުލީމް ހާސިލްކުރަމުންދާ ކަމަށް ބުނެފައިވާ ދަރިވަރަކު މާސްކު އަޅައިގެން ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އުދާޔަން ސްކޫލުގެ ގޭޓް ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓައި ފެނިގެން ގޮސްފައިވެއެވެ. ދަރިވަރުންތައް ގޭޓް ކުރިމަތީގައި ކިއުގައި ތިބިއިރު ސެނިޓައިޒާ ފުޅިއެއް ހިފައިގެން ހުރި މީހަކާއި ތާމޯމީޓަރެެއް ހިފައިގެން ހުރި މީހަކު ގޭޓުގެ އަރިމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. ބެލެވޭ ގޮތުގައި އެއީ ސުކޫލުގެ ދެ މުވައްޒަފެކެވެ.

ނިމިދިޔަ ހަފްތާގައި ޔޫއެންއައިއެސްއެފްއިން އާންމު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގައި ކޮވިޑްގެ ހާލަތާއި ގުޅިގެން ސުކޫލުތަކުގައި ކިޔަވައިނުދެވި ދުވަސްތަކެއް ފާއިތުވެގެން ދާ ކަމަށެވެ. އަދި މީގެ ސަބަބުން 430 މިލިއަނެއްހައި ދަރިވަރުންގެ އިލްމު އުނގެނުުމުގެ ހަޔާތުގައި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާކަން ފާހަގަ ކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ބަންގްލަދޭޝްގައި ސުކޫލަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދޭން ނިންމާފައިވަނީ ވަކި ގްރޭޑް ތަކަކަށެވެ. އެގޮތުން، 11،11،12ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުން ކޮންމެ ދުވަހަކު ސުކޫލަށް ހާޒިރުވާން ޖެހޭއިރު ނުވައަކުން ދަށުގެ ދަރިވަރުން ސުކޫލަށް ހާޒިރުވާނީ ހަފްތާއަކު އެއްދުވަހު ވަކި ގަޑިތަކަކަށެެވެ.