ކުރިޔަށް އޮތްތަނުގައި އަފްޣާނިސްތާނުގައި ޕާކިސްތާނުގެ ފައިސާ ބޭނުންކޮށް، ދެ ގައުމަށް ފައިދާވާނޭފަދަ ވިޔަފާރިއެއް ކުރުމަށް ޕާކިސްތާނުން އެދުމުން އެކަމާއި އަފްޣާނިސްތާނުގެ ވިޔަފާރިވެރިއަކު ދެކޮޅުހަދައިފިއެެވެ.

ޕާކިސްތާނުގެ ނޫހުން ކޮށްފައިވާ ރިޕޯޓަށް އާންމުންގެ ކޮމެންޓު ހޯދައި އަފްޣާނިސްތާނުގެ ނޫހަކުން ރިޕޯޓުކޮށްފައިވަނީ ގިނަ ބަޔަކު ބޭނުންވަނީ އަފްޣާނިސްތާނުގައި ކުރަމުންދާ ވިޔަފާރި ޕާކިސްތާނުގެ ފައިސާއިން ކުރުމަށް ކަމަށެވެ.

މި މައްސަލަތަކާއި ގުޅިގެން ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރ ޝައުކަތް ތަރީން ވިދާޅުވީ އަފްޣާނިސްތާނުގައި ޑޮލަރު ރިޒާވްތައް ދަށްވުމުގެ މައްސަލަ ދިމާވެފައިވާ ކަމަށެވެ. އަދި އަފްޣާނިސްތާނުގައި ކުރާ ވިޔަފާރިތައް ޕާކިސްތާނުގެ ފައިސާއިން ކުރަން ޖެހޭ ސަބަބަކީ އެއީ ކަމަށް ޝައުކަތް ވިދާޅުވިއެވެ. ޕާކިސްތާނުގެ ޑެއިލީ ޖޭންގް ނޫހުން ރިޕޯޓުކޮށް ބުނެފައިވަނީ ޝައުކަތު މިފަދައިން ވިދާޅުވެފައިވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް އާއި ވޯލްޑު ބޭންކުން އަފްޣާނިސްތާނުގެ ފައިސާތައް ސަސްޕެންޑް ކުރުމުން ކަމަށެވެ.

މި މައްސަލަތައް ފެންމަތިވުމާއި ގުޅިގެން އަފްޣާނިސްތާނުގެ ބައެއް ފަރާތްތަކުން ގުޅިގެން ވަނީ 'އަފްޣާނިސްތާނަކީ އަހަރެމެންގެ ގައުމު'ގެ ނަމުގައި މީސް މީޑިއާ ކެމްޕޭނެއް ފަށާފައެވެ. މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ޕޯސްޓުތަކަށް ބަލާއިރު 'އަހަރެމެންނަކީ އަފްޣާނިސްތާނުގެ ރައްޔިތުން'، 'އަފްޣާނިސްތާނަކީ އަހަރެެމެންގެ ގައުމު'، އަދި 'އަފްޣާނިސްތާނުގެ ފައިސާ ބޭނުންކުރުމަކީ ރައްޔިތުންގެ ޒިންމާއެއް' މިފަދައިން ލިއެފައިވާ ޕޯސްޓުތައް ފާހަގަ ކޮށްލެވެއެވެ.

ބައެއް މީހުންގެ ޕޯސްޓުތަކުގައި އަފްޣާނިސްތާނުގައި ކުރެވޭ ވިޔަފާރީގެ ހުރިހާ މުއާމަލާތެއްގައި ބޭނުން ކުރެވެން ޖެހޭނީ އެގައުމުގެ ފައިސާ ކަމަށް ބުނެފައިވެެއެވެ.

އަފްޣާނިސްތާނުގެ ރައްޔިތުންގެ ނިންމުންތަކަށް ތާލިބާނުން ތާއީދުކޮށް، އެޖަމާއަތުގެ ބައެއް ފަރާތްތަކުން ބުނެފައިވަނީ އަފްޣާނިސްތާނަކީ މުއްސަނދި ގައުމަކަށް ހަދަން ބޭނުންނަމަ އެގައުމުގެ ފައިސާ ބޭނުން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެގައުމުގައި ޕާކިސްތާނުގެ ފައިސާ ބޭނުންކުރުމަށް އެއްބާރުލުން ދޭ މީހުންނާއި، ޕާކިސްތާނުގެ ފައިސާ ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާ މީހުންނަށް އަދަބު ދޭނެ ކަމަށް ތާލިބާނުން ބުނެފައިވެއެވެ.