މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ޑެލްޓާ ވޭރިއެންޓްގެ ބިރުވެރިކަމާއެކު ޗައިނާގެ 4.5 މިލިއަން ދިރިއުޅެމުންދާ ފުޖިއާން ޕްރޮވިންސް ފުރަބަންދުކޮށްފިއެވެ.

އެ ޕްރޮވިންސް ފުރަބަންދުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އެހެންކަމުން އެ ޕްރޮވިންސްގައި ދިރިއުޅެމުންދާ މީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާނެ ކަމަށް ބުނެފައިވާއިރު، މިހާރު ދިރިއުޅެމުންދާ ސަރަހައްދު ދޫކޮށް ނުދެވޭނެ ކަމަށް އަންގާފައިވެއެވެ. އަދި މުނިފޫހިފުލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ތަންތަން ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ.

ހޯމަ ދުވަހު އެކަނިވެސް އެ ޕްރޮވިންސްއިން 32 މީހަކަު ވަނީ ކޮވިޑަށް ފައްސިވެއެވެ. އޭގެ ތެރެއިން ގިނަ ވޭދަނަތައް ފެނިފައި ވަނީ ޕުޓިއާން އިންނެވެ. އެއީ އެ މިފަހަރު ވޭދަނަތައް ފެތުރެން ފެށި ސިޓީއެވެ.

އަދި މިހާރު އެ ސިޓީގައި ދިރިއުޅޭ 3.5 މިލިއަން މީހުން ކޮވިޑަށް ޓެސްޓު ކުރުމަށް އަންގާފައިވެއެވެ.

އެ ސިޓީއަށް ކޮވިޑް ފެތުރިގަތީ ސިންގަޕޫރުން އައި މީހެއްގެ ފަރާތުން ކަމަށް ރިޕޯޓްތައް ބުނާއިރު، މިހާތަނަށް 100 އަށްވުރެ ގިނަ ވޭދަނަ އެ ސިޓީން ފެނިފައިވެއެވެ.

ދަ ނޭޝަނަލް ހެލްތް ކޮމިޝަނުން ބުނީ، އަލަށް ފެނުނު 59 ވޭދަނައަކީ އިއްޔެ ފެނުނު ވޭދަނަތައް ކަމަށާއި، އޭގެ ކުރީ ދުވަހު 22 މީހަކު ފައްސިވެފައިވާ ކަމަށެވެ. އަދި ހުރިހާ އެންމެންނަކީވެސް ފުޖިއާން ޕްރޮވިންސްއިން ފެނުނު މީހުން ކަމަށް ބުނެފައި ވެއެވެ.

އަދި ހަތަރު ދުވަސް ތެރޭގައި ފުޖިއާންގެ ތިން ސިޓީއަކުން 102 ވޭދަނަ ފެނިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި އެ ޕްރޮވިންސްގައި ކޮވިޑް ފެތުރުމުގެ އަސްލަކީ ޕުޓޯއޫ ޕްރައިމަރީ ސްކޫލްގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރެއްގެެ ބައްޕަގެ ފަރާތުންނެވެ. އެއީ އެ މީހާއަކީ ސިންގަޕޫރުން އޮގަސްޓް މަސް ތެރޭގައި އައި މީހެކެވެ. އޭނާ ވަނީ ކަރަންޓީން މުއްދަތު ފުރިހަމަކޮށްފައެވެ. އަދި އެތައް ފަހަރަކު ކޮވިޑަށް ޓެސްޓުކުރިއިރު، އޭނާގެ އަލާމަތްތައް ފެނިގެން މި މަސް ތެރޭގައި ނެގި ސުންކެއް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އަދި މިދިޔަ ހަފްތާގައި ފެނުނު ކޮވިޑްގެ އިހަލަށް ނިސްބަތްވާ ފުރަތަމަ މީހުންނަކީ އެ މީހާގެ 12 އަހަރުގެ ދަރިފުޅާއި، އެކުގައި ކިޔަވާ އިތުރު ދަރިވަރެކެވެ. އެ ސްކޫލްގައި ކޮވިޑް ފެތުރެން ފެށުނީ އާ ޓާމްގެ ކިޔެވުންވެސް ފެށިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުން، އެ ސްކޫލްގެ އެކި ކްލާސްރޫމްތަކަށް މި ބަލި ފޯރައި ޖުމްލަ 36 ކުއްޖަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.