ހަނގުރާމައާއި ނިރުބަވެރި ހަމަލާތަކާއި ބޭރުގެ އިސްތިއުމާރީ ބާރުތަކުގެ އަނިޔާވެރިކަމުގެ ސަބަބުން އަފްޣާނިސްތާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއިން އެގައުމުގެ ރައްޔިތުން އަރައިގަތުމަށާއި، އެގައުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއް ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ބައިނަލްއަގްވާމީ މުޖްތަމައުން ނިންމައިފިއެވެ.

އަފްޣާނިސްތާނަށް އެހީތެރިވުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާފައިވަނީ ދުނިޔޭގެ އެތަށް ގައުމަކާއި ބައިނަލްއަގްވާމީ އެތަށް ޖަމިއްޔާއެއް ޝާމިލްވާގޮތަށް ސުވިޓުޒަލޭންޑުގެ ޖެނީވާގައި ކުރިޔަށްދިޔަ ބައްދަލުވުމެއްގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ޗައިނާ، ޔޫރަޕްގެ އިއްތިޙާދު، އެމެރިކާ، ޕާކިސްތާން އަދ ބައެއް އަރަބި ގައުމުތަކާއި ތުރުކީވިލާތް ބައިވެރިވެފައިވެއެވެ.

އެކިގައުމުތަކުން އަފްޣާނިސްތާނަށް ފޯރުކޮށްދޭނީ އެކި އެހީތަކެވެ. ޖާންވީގައި ކުރިޔަށްދިޔަ ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން އދގެ ސެކެޓުރީ ޖެނެރަލް އެންތޯނިޔޯ ގުތެހޭޝް ވަނީ ނިމިދިޔަ 40 އަހަރުގެ ތެރޭގައި ހަނގުރާމައިގެ ޙާލަތުގައި އޮތް އަފްޣާނިސްތާނަށް ދިމާވެފައިވާ އިންސާނީ ކާރިސާގެ ނުރައްކާތެރިކަން ފާހަގަކުރައްވާފައެވެ. އަދި މީގެ އިތުރުން އެގައުމުގެ އިގްތިސާދު ފުނޑު ފުނޑުވެ، ދާދި އަވަހަށް އެގައުމުން ކާބޯތަކެތި ހުސްވެދާނެ ކަމުގެ ބިރުވެރިކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އދން މީގެ ކުރިން ބުނީ އަފްޣާނިސްތާނުގެ އާބާދީގެ ދެބައިކުޅަ އެއްބައިކަމަށްވާ 18 މިލިޔަން މީހުންގެ ދިރިއުޅުގެ ހުރިހާކަމެއް ބަރޯސާ ވެފައިވަނީ ބޭރުގައުމުތަކުން ދޭ އެކިބާވަތުގެ އެހީތަކަށް ކަމަށެވެ. އަދި މީގެތެރޭގައި ކާބޯތަކެއްޗާއި، ބޭހާއި، އަންނައުނާއި، ބޯހިޔާވަހިކަން ވެސް ހިމެނެއެވެ.

މީގެއިތުރުން އަފްޣާނިސްތާނުގެ ގާތްގަނޑަކަށް 14 މިލިޔަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމިއްޔާއިން ބުނެފައިވެެއެވެ.

އަފްޣާނިސްތާނުގެ ހާލަތު ގޯސްވެ، ރައްޔިތުން ހާލުގައި ޖެހިފައިވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހު ތާލިބާނުން އެގައުމުގެ ވެރިކަމާއި ދެވަނަ ފަހަރަށް ހަވާލުވުމާއެކު އެގައުމަށް ބޭރު ގައުމުތަކުން ދެމުން ގެންދިޔަ އެހީތައް ކަނޑާލުމާއި ގުޅިގެންނެވެ.