އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަންގެ މަންމަ ކުރެހުންތެރިޔާ ޗާލެޓް ޖޯންސަން މަރުވެއްޖެއެވެ.

އުމުރުން 79 އަހަރުގައި މަރުވި ކަމަށް ރިޕޯޓު ކޮށްފައިވާ ޗާލެޓް އަކީ އޭނާގެ އުމުރުން 40 އަހަރުގައި ނާރުގެ ބައްޔެއް ކަމަށްވާ 'ޕާކިންސަން' ބަލި ހުރެގެން ފަރުވާ ހޯދަމުން އައި މީހެކެވެ. ޗާލެޓް މަރުވެފައިވަނީ އެ ބައްޔާއި ހަނގުރާމަކުރާތާ އެތައް އަހަރެއް ވެފައިވަނިކޮށް ލަންޑަނުގެ އެސްޓީ މަރީސް ހޮސްޕިޓަލުގައި މިދިޔަ ހޯމަ ދުވަހުއެވެ.

ޗާލެޓް ޑައިގްނޯސް ކޮށްފައިވާ ނާރުގެ ބައްޔަކީ އޭގެ ސަބަބުން ހަރަކާތް ލަސްވުމާއި، ދިރުވުމާއި ވާހަކަދައްކަން އުދަނގޫވުމާއި، ހިނގާ ބިނގާވެ އުޅެން އުނދަގޫވާ ބައްޔެކެވެ. މި ބަލި ޖެހި، އެ ބައްޔާއި ހަނގުރާމަ ކުރުމުގައި އުމުރުގެ 39 އަހަރު ހޭދަވެގެން ދިޔައިރު ވެސް ޗާލެޓް ކުރެހުމުގެ މަސައްކަތް ދުލެއް ނުކުރެއެވެ. 2015 ވަނަ އަހަރު ޗާލެޓް ދި ޓެލެގްރާފް ނޫހަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ކޮންމެ ދުވަހަކު ވެސް ކިރިޔާ ވެސް ކުރެހޭނަމަ ކުރެހުމުގެ މަސައްކަތް އޭނާ ކުރާ ކަމަށެވެ.

"ކިރިޔާ ވެސް ކުރެހޭ ދުވަހެއްގައި ވިއްޔާ ކުރަހަން. ވަރަށް ގިނައިން ހޮސްޕިޓަލަށް ދާން ޖެހޭ. އެކަމަކު ވެސް ކޮންމެ ވެސް ވަގުތެއް ހޯދައިގެން ކުރަހާލަން. ބައެއް ފަހަރަށް ހަމަ ކުއްލިއަކަށް އަތަށް ހަރަކާތެއް ގެނެވިދާނެ. އެއީ ގަސްދުގައި ކުރާ ކަމެއް ނޫން. އެކަމުގެ ސަބަބުން ބައެއް ފަހަރަށް ހަމަ ރޮވޭ ވަރުވޭ" ޗާލެޓް ބުނެފައިވެއެވެ.

މީގެ ކުރިން ބޮޑުވަޒީރު ޖޯންސަން އޭނާގެ މަންމަ އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ މަންމަގެ ފަރާތުން ކޮންމެ އިންސާނަކީ ވެސް ހަމަހަމަކަމާއެކު ބަލައިގަނެވޭނެ މީހެއްކަމާއި، ކޮންމެ މީހަކީ ވެސް މުހިންމު މީހެއްކަން ދަސްވި ކަމަށެވެ. ޖޯންސަން މިފަދައިން ވިދާޅުވެފައިވަނީ 2019 ވަނަ އަހަރު ބޮޑުވަޒީރެއްްގެ މަގާމުގައި ހުންނަވާ އޭނާ ބައިވެރިވެލެއްވި އެންމެ ފުރަތަމަ ކޮންސާވޭޓިވް ޕާޓީ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަޒް

    ބޮރިސް ޖޯންސަންގެ މާންމާފުޅު އަވަހާރަފުޅު ވީކީ ނޫންތަ؟ ދެމިއޮތުމުގެ އާލަމަށް ދަތުރުފުޅު ކުރެއްވީކީ ނޫންތަ؟