ޕާކިސްތާނުގެ ފައިސާގެ އަގު ދަށަށް ގޮއްސިއެވެ.

ރިޕޯޓުތައް ބުނާގޮތުން ޕާކިސްތާން ރުޕީސްގެ އަގު ދަށްވެފައިވަނީ ތާރީހުގައި ވެސް ފައިސާގެ އަގު ދަށްވެފައިނުވާހާ ބޮޑަށެވެ.

އެމެރިކާ ޑޮލަރާއި ދެކޮޅަށް އިންޓާ ބޭންކު ތެރެއިން ކުރި ޓްރޭޑުގައި ޕާކިސްތާން ރުޕީސްގެ އަގު 169.9 ރުޕީސްއަށް ދަށްވުމާއި ގުޅިގެން ކަރަންސީ ޑީލަރުން ބުނެފައިވަނީ އެމެރިކާ ޑޮލަރުގެ އަގު އުފުލެން ފަށާފައިވަނީ މިއަދު ކުރިޔަށްދިޔަ ޓްރޭޑުގެ ތެރެއިން ކަމަށެވެ. އިއްޔެ ކުރި ޓްރޭޑުގައި ވެސް ޕާކިސްތާނުގެ ރުޕީސްގެ އަގު ވަނީ ރިކޯޑު މިންވަރަކަށް ދަށްވެފައެވެ.

އެކްސްޗޭންގް ކޮމްޕެނީސް އެސޯސިއޭޝަންގެ ޗެއާމަން، މާލިކް ބޯސްޓަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޑޮލަރުގެ އަގު މަތިވެފައިވަނީ ގައުމަށް އެތެރެކުރަމުންދާ މުދަލަށް އެޑްވާންސްކޮށް ޑޮލަރުން ބުކިންގް ހައްދަމުންދާތީ ކަމަށެވެ. އޭނާ ވަނީ މިކަމުގެ ސަބަބުން ޑޮލަރަށް ކުރާ ޑިމާންޑް އިތުރުވަމުންދާކަން ފާހަގަ ކުރައްވާފައެވެ.

ރިޕޯޓުތައް ބުނާގޮތުން ޕާކިސްތާނުގެ ރުޕީސްގެ އަގު ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސްޓޭޓް ބޭންކުން އަދި އެއްވެސް މަަސައްކަތެއް ކޮށްފައެއް ނުވެއެވެ. މިކަމަށް އިޝާރާތް ކުރައްވާ ބޯސްޓަން ވިދާޅުވީ ސްޓޭޓް ބޭންކުން ގައުމުގެ ފައިސާގެ އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތް ނުކުރާނަމަ، އެމެރިކާ ޑޮލަރުގެ އަގު އުފުލި ގައުމީ ފައިސާގެ އަގު މުޅިން ދަށްވެގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

ޕާކިސްތާނުގެ ފައިސާގެ އަގު ދަށްވެފައިވާއިރު، މިއީ މިހާރު އޭޝިއާގައި ވެސް އެންމެ އަގު ދަށް ފައިސާކަން ފާހަގަ ކޮށްލެވެއެވެ. މެޓިސް ގްލޯބަލްއިން އާންމުު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެމެރިކާގެ 1 ޑޮލަރެއްގެ އަގަކީ ޕާކިސްތާން ރުޕީސްއިން ބަލާނަމަ 169.40/169.60އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޠޯރިޤް

    މައުލޫމާތު ހޯދައިގެންލިޔެބަލަ. ސްރީލަންކަންރުޕީސްގެއަގު މާދަށްވާނެ މި ހާރުވެސް