ރާއްޖޭގައި އެއާ ޓެކްސީއެއްގެ ގޮތުގައި މީގެ ކުރިން ބޭނުން ކުރި ބޯޓެއް އިންޑޮނޭޝިއާއަށް ވެއްޓިއްޖެއެވެ.

އިންޑޮނޭޝިއާގެ ހުޅަނގު ނިއުގިނީގެ އަވަށެއް ކަމަށްވާ ނަބާޔާއިން ފުރައިގެން އިންޓަ ޖަޔާއަށް ފުރި 8Q-TAH އެ ބޯޓު ވެއްޓިފައިވަނީ ޖައްސަން އުޅުމުގެ ތެރޭގައި ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ބޯޓު ވެއްޓުނުއިރު، އޭގައި ތިން ކްރޫއިން ތިއްބެވެ. ބޯޓު ފުރައިގެން ގިނަ އިރުތަކެއް ނުވަނީސް އުޑުމަތި ނުސާފުކަމުން ޖައްސަން އެދިފައިވާ ކަމަށާއި އޭގެ ފަހުން ބާރު އަޑެއް ކިޔައިގެން ބެލިއިރު، ފްލައިޓް ވެއްޓިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ބޯޓު ވެއްޓުނުތާ ދެގަޑިއިރެއްހާ ފަހުން އެމަންޖެންސީ ޓީމަށް ބޯޓު ފެނިފައިވަނީ ހޯދަން ފެށި ސަރަހައްދާއި 2،400 މީޓަރު ދުރުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ބޯޓު ވެއްޓުނު ސަރަހައްދަށް ދިޔަ ބައެއް ފަރާތްތަކުން ބުނެފައިވަނީ ބަލާ ބެލުމަށް ބޯޓު ވެއްޓިގެން ގޮސް ޖެހިފައިވަނީ ކުރީ ކޮޅު ކަމަށެވެ. ބޯޓުން ދަތުރު ކުރި އެއްވެސް މީހަކު ސަލާމަތް ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ބޯޓަކީ 2017 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް އިން ރާއްޖޭގައި އުދުހުމަށް ބޭނުން ކޮށްފައިވާ ބޯޓެއް ކަމަށް ވެއެވެ.

ރިމްބަން އެއާ އިން މިބޯޓު މިހާރު ބޭނުން ކުރަނީ ކާގޯ ބޯޓެއްގެ ގޮތުގައެވެ.