ހެއިޓީގެ ރައީސް ޖުވެނައިލް މޮއިސް އަވަހާރަ ކޮށްލި މައްސަލައާއި ގުޅިގެން ހެއިޓީގެ ބޮޑުވަޒީރު އޭރިއެލް ހެންރީގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަރުން ނިންމައިފިއެވެ.

މި މައްސަލައިގައި ހެންރީގެ މައްޗަށް ދައުވާ ކުރަން ނިންމާފައިވަނީ މޮއިސްް އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންތަކުގެ ތެރެއިން އެކަކާއި މޮއިސް އަވަހާރަ ކޮށްލި ރޭ ހެންރީ ފޯނުން މުއާސަލާތު ކުރެއްވިކަން ތަހްގީގަށް ކަށަވަރު ވުމުންނެވެ.

މޮއިސް އަވަހާރަ ކޮށްލައިފައިވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާގެ ގޭގައި ހުންނަވަނިކޮށެވެ. އޭނާ އަވަހާރަކޮށްލި މައްސަލައިގައި ކުރިން ކޮލަމްބިއާ ސިފައިންގެ ތެރޭގައި މަސައްކަތް ކުރި 26 މީހަކާއި އަސްކަރީ ތަމްރީނުތައް ލިބިފައިވާ އެމެރިކާގެ ހަމީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ހެއިޓީގެ ޕްރޮސެކިއުޓާރ ޖެނެރަލް ބެޑް-ފޯޑް ކްލޯޑެ ވަނީ އެ މައްސަލަ ތަހުގީގުކުރައްވާ ފަނޑިޔާރުގެ ކިބައިން ހެންރީގެ މައްޗަށް އެ މައްސަލާގައި ޝާމިލުވާކަމުގެ ދައުވާކޮށްދިނުމަށް މިދިޔަ އަންގާރަދުވަހު އެދިވަޑައިގެންފައެވެ. މިފަދައިން އޭނާ އެދިވަޑައިގެންފައިވަނީ ތުހުމަތު ކުރެވޭ ފަރާތަށް ހެންރީ ކޮށްފައިވާ ފޯނު ކޯލު ތަކެއް ފާހަގަ ކުރައްވާފައެވެ. އަދި މީގެ އިތުރުން ކްލޯޑެ ވަނީ ހެންރީ ގައުމު ދޫކޮށް ދިއުމުގެ ފުރުސަތު ނުދިނުމަށް ވެސް އެދިފައެވެ.

ދައުވާކޮށްދިނުމަށް އެދިވަޑައިގެން ނެރުއްވި އަމުރުގައި ކްލޯޑެ ވިދާޅުވެފައިވަނީ ދައުވާކުރަން އެކަށީގެންވާ މިންވަރަށް މައުލޫމާތު ފުރިހަމަވެފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ބޮޑުވަޒީރު ހެންރީގެ ބަހެއް އަދި ލިބިފައިނުވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ރައީސް މޮއިސޭ އަވަހާރަކޮށްލުމާ ގުޅިގެން އެ ހަމަލާގެ ކުރިންވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ހެއިޓީގެ ސިޔާސީ ހަމަޖެހުން ގެއްލި، ގުރޫޕު މާރާމާރީއާއި ހަމަނުޖެހުން އިތުރުވެ، އިހުނަށްވުރެ ފުން ކާރިސީ ހާލަތަކަށް އެ ގައުމުވަނީ ވެއްޓިފައެވެ.