އައިސްލޭންޑްގައި ސިއްހީގޮތުން މަޖުބޫރު ހާލަތެއްގައި މެނުވީ ހިތާނު ނުކުރެވޭގޮތަށް ބިލެއް ހުށަހެޅި އެކަމާއި ބަހުސް ކުރެވެމުން އެބަ ދެއެވެ. މިގޮތުން އެ ބިލް ފާސްކުރުމަށް މަސައްކަތްކުރަމުންދާ އެގައުމުގެ މަޖިލީހުގެ އެއް މެންބަރު ބުނާގޮތުގައި ހިތާނުކުރުމަކީ ބޭކާރު ކަމެއްކަމަށާއި އަދި އެކަން ކުރެވިގެން އެދަނީ ގިނަ ފަހަރަށް އެމީހާ ހުއްދައާއި ނުލައި އޭނާއަށް ނޭނގިއެވެ.

މީގެ އިތުރުންވެސް މިއީ އަލުން ކުރިން ހުރި ހާލަތައް އާދެވޭ ކަހަލަ ކަމެއް ނޫންކަމަށާއި ހިތާނުކުރުމުގެ ސަބަބުން އެކި ކަހަލަ މައްސަލަތައް ދިމާވެ ހުތުރުވުމުގެ އިތުރުން މަރާއިވެސް ކުރިމަތިވެދާނެކަމަށް ޕްރޮގްރެސިވް ޕާޓީގެ މަޖިލީސް މެންބަރު ސިލްޖާ ޑޮގް ގުނާރސްޑޮޓިރް ވަނީ ބުނެފައެވެ.

ސިލްޖާ ވަނީ ކުޑަ ކުދިން ހިތާނުކުރެވެންޖެހޭނީ އެ ކުދިންނަށް އަމިއްލައަށް ހުއްދަދެވޭހާ އުމުރުން ދުވަސްވުމުންކަމަށާއި އަދި މިއީ އެއްވެސް ދީނަކާއި ދެކޮޅަށް ކުރެވޭކަމެއް ނޫންކަމަށް ބުނެފައެވެ. މިގޮތަށް ބިލެއް ހުށަހެޅިފައިވަނީ ހަމައެކަނި ކުޑަ ކުދިންގެ ހައްގުތައް ރައްކާކުރުމަށްޓަކައިކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އެ ބިލާއި ދެކޮޅަށް އައިސްލޭންޑް އަދި ޔޫރަޕްގެ ޔަހޫދީ އަދި މުސްލިމް އެކި ޖަމާއަތްތަކުން ވަނީ އަޑުއުފުލަން ފަށައިފައެވެ. މިގޮތުން ބައެއް ޔަހޫދީ ގުރޫޕުތަކުން ވަނީ އައިސްލޭންޑްއިން އެޅުމަށް މަސައްކަތްކުރަމުންދާ މި ފިޔަވަޅާއިއެކު ދުވަހަކުވެސް އައިސްލޭންޑްގައި ޔަހޫދީ ޖަމާއަތެއް ބިނާނުކުރެވޭނޭކަން ގެރެންޓީވެފައިވާކަމަށް ބުނެފައެވެ. އަދި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޔަހޫދީންނަށް މުޅިން އާ ގޮތަކަށް ދެވޭ ހަމަލާއެއްގެ ގޮތުގައިވެސް އެ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

އައިސްލޭންޑްގެ މުސްލިމް ބައެއް ޖަމާއަތްތަކުން ވަނީ މިއީ އިސްލާމް ދީނުގެ ހައްގުތައް އަދާކުރުމަށް ލިބިފައި އޮންނަ މިނިވަންކަން ނަގާލުންކަމަށް ބުނެ އެ ބިލާއި ދެކޮޅަށް އަޑުއުފުލައިފައެވެ. އައިސްލޭންޑްގައި މުޅިއަކު 2500 މުސްލިމުން އުޅޭކަމަށް ވަނީ ލަފާކުރެވިފައެވެ. އެ ޖަމާއަތްތަކުން ވަނީ އައިސްލޭންޑްގައި މިކަން ހުއްދަކުރެވިފައިވާހާ ހިނދަކު އެގޮތަށް ގަބޫލުކުރާ އެންމެންވެސް ހިތާނުކުރާނޭކަމަށާއި އަދި މަނާކުރެވިއްޖެނަމަ ކައިރި އެހެން ގައުމުތަކަށް ގޮސްގެންވެސް މިކަން ކުރާނޭކަމަށް ބުނެފައެވެ. މީގެ އިތުރުންވެސް އެ ފަރާތްތަކުން ވަނީ ހިތާނުކުރުމަކީ އޭގެން އެތައް ކަހަލަ ސިއްހީ ފައިދާތަކެއް ލިބުމުގެ އިތުރުން ނުރައްކާތެރި އެތައް ބައްޔަކުން މީހާ ސަލާމަތްކޮށްދޭކަމެއްކަމުގައިވެސް ފާހަގަކޮށް އައިސްލޭންޑްގެ މި ބިލާއި އެއްކޮޅަށް ވަކާލާތުކުރާ ފަރާތްތަކަށް ރައްދުދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާދަމް

    އައިސްލޭންޑުގައި ހިތާނަކުރުން މަނާކުރުމަކީ ކުރެވިގެން ވާނޭ ކަމެއް ކަމަކަށް ނުދެކެން. ސަބަބަކީ އެކިޔާ ހުރިހާ ޙައްޤުތަކެއް ކަށަވަރުކޮއްދީފާ ވާކަމަށް ދައުވާކުރާ ބަޔަކަށް، އެހެން ބަޔަކަށް އޭގެން ގެއްލުންތަކެއް ލިބޭނެކަމަކަށް މަސައްކަތެއް ނުކުރާނެ. އަބަދުވެސް މި ފެންނަނީ އިސްލާމްދީނުގައި އޮތް ކަމަކަށް މަނާކޮށް ގޯސްކުރެވޭތޯ މުސްލިމުންނާ ދެކޮޅަށް. އެއްވެސް ދީނަކާ ދެކޮޅަށް ނޫނޭ މުރާދުކުރެވެނީ ސީދާ އިސްލާމްދީނާ ދެކޮޅަށޭ.ބަލަ ދުނިޔޭގާ އެހެން ފަލްސަފީ ނިޒާމްތައްކަމަށް ދައުވާކުރާ ނިޒާމްތައްްވެސް އެބަހުއްޓޭ.
    ހުރިހާވެސް މައްސަލަޔަކީ އެމީހުންގެ އެބުނާ ދުނިޔަވީ މިނިވަންކަމާ ދެކޮޅު ހަމައެކަނި ނިޒާމަކީ އިސްލާމްދީން ކަމަށް ވާތީ ކޮންމެ ގޮތަކުންވެސް ބޭނުންްވަނީ ކޮންމެސް ބަހަނާއެއް ދައްކާލާފާ މުސްލިމުންގެ ޝަރުއީ ކަންތައް މަނާކުރުން. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް.

    16
    5
    • ޛސޖސޖ

      އެމީހުން ގެ ގައުމު އެމީހުން ބޭނުން ގޮތެއް
      މުސލިމް ދައުލަތެއް ނަމަ ބުނެބިދާނެ މިހެން
      ހަމަ މިގޮތައް އެމީހުން ވެސ ބުނާނެ ނުން ތޯ މުސލިމު ގައުމު ތަކުގަ އެމީހުން ދީނުގަ ހުއްދަ ކަން ކަން މަނަލީ ކީއްވެ ތޯ
      މި އިީ އިސލާމް ދީނާ ދެކޮޅައް ބުނެވޭ އެއްޗެއް ނޫން އެއީ އިންސާނުން ވިސނާނެ ގޮތް

      6
      13
  2. Anonymous

    ދުވަސް ކޮޅަކުން މިގައުމުގަވެސް މިއުޅޭ ލާދީނީ ބައިގަނޑު ތިކަން ކުރަން ދެކޮޅު ހަދާފާނެ

    17
    3
  3. މޮހޮނު

    ލާދީނިއްޔަތަށް ހިތްވަރު ލިބޭގޮތަށް އަދި އިސްލާމްދީނާއި ޚިލާފަށް ދުނިޔޭގެ ޤައުމުތަކުގައި ކުރެވޭ ކަންތައްތަކުގެ ވާހަކަތައް ވަގުތުގައި ގެނެސްދެނީ ކީއްވެގެންބާ؟ މީގެ ސަބަބުން މިޤައުމުގައި އުޅޭ ލާދީނީއްޔަތަށް ތާއީދުކުރާ ފަރާތްތަކަށް ހިތްވަރުލިބޭ އަދި އިސްލާމްދީނާއި ޚިލާފް ކަންތައްތަކަށް މަގުފަހިވޭ! މީ ހިތަށްއަރާ ޚިޔާލެއްވީމަ ހިއްސާކޮށްލީ!

    8
    2