އޮސްޓްރޭލިއާ ފުރަބަންދު ކުރުމާއި ދެކޮޅަށް އެގައުމުގައި މުޒާހަރާ ކުރަމުންދިޔަ ބަޔަކު ހައްޔަރު ކޮށްފިއެވެ.

އެގައުމުގެ މެލިބޯން ސިޓީއިން 235 މީހުން ހައްޔަރު ކޮށްފައިވާއިރު، ސިޑްނީއިން 32 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. މުޒާހަރާގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ހައްޔަރު ކުރުމުގެ އިތުރުން، މުޒާހަރާ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންނަށް އަނިޔާވެެފައިވާ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އޮސްޓްރޭލިއާގެ ސްޓޭޓެއް ކަމަށްވާ ވިކްޓޯރިއާގެ ފުލުހުން ބުނީ މިއަދު ކުރިޔަށްދިޔަ މުޒާހަރާގައި ހަމަނުޖެހުން ހިނގައި، އަނިޔާވި ފުލުހުންގެ ތެރެއިން ހަ އޮފިސަރަކަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާކުރަން ޖެހުނު ކަމަށެވެ.

މިގޮތަށް ކުރަމުންދާ މުޒާހަރާގެ ތެރެއިން މެލިބޯން ސިޓީއަށް 700އެއްހައި މީހުން އެއްވުމުން ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވެއެވެ. އަދި މުޒާހަރާ ކުރިޔަށްދިޔަ ވަގުތު ފުލުުހުން ވަނީ އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ޗެކްޕޮއިންޓާއި ބެރިކޭޑްސް ޖަހައި އެ ސަރަހައްދަށް އިތުރު މީހުންނަށް އެތެރެނުވެވޭނެހެން ބަންދު ކޮށްފައެވެ. އަދި މީގެ އިތުރުން އެ ސިޓީއަށް ދަތުރުކުރުން ވެސް ސަސްޕެންޑް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮސްޓްރޭލިއާގެ ރައްޔިތުން މުޒާހަރާ ކުރުމަށް އެއްވެފައިވަނީ ކޮވިޑް-19 އާލަމީވަބާގެ ފަހުން އެގައުމު ހަވަނަ ފަހަރަށް ފުރަބަންދުކޮށް، ފުރަބަންދުގެ ދުވަސްތައް ގުނަމުން ދަނިކޮށެވެ. ރިޕޯޓުތައް ބުނާގޮތުން މިއަދުވެސް އެގައުމުގެ ވިކްޓޯރިއާ ސްޓޭޓުން 500އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ކޮވިޑް ފެތުރެން ފެށުމާއެކު އޮސްޓްރޭލިއާގައި ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ސިޑްނީ، މެލްބޯން އަދި ވެރިރަށް ކެންބެރާ ފުރަބަންދު ކޮށްފައިވެއެވެ. ވިކްޓޯރިއާ ސްޓޭޓާއި، ނިއު ސައުތް ވޭލްސް އަދި ކެންބެރާގައި ކޮވިޑުން ދިފާއުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވަނީ އާބާދީގެ 70 އިންސައްތަ މީހުން ވެކްސިން ޖެހުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމަންތާ

    އަނިޔާ ނުކުރޭ

  2. ޕޮލިސް

    ތިކަހަލަ ފޮޓޯ އެއްގަ ދިވެހި ފުލުހުން ތިބި ނަމަ އެއީ އެމީހުންގެ ވަޒީފާގެ ފަހު ދުވަސް. ރާއްޖޭގަ ސިޔާސީ ފައިދާ އަށް ފުލުހުންގެ ބާރު ކަނޑުވާލީ އެމް.ޑީ.ޕީ އިން. ފެންނަ ފޮޓޯ އިން ފުލުހުން ވަރަށް ޕްރޮފެޝަނަލް.

  3. Ibrahim

    ދެރަކަމެއް