އަވަށްޓެރި ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ)އަށް ހަމަލާތަކެއް ދޭން އުޅޭކަމަށް ބުނެ އިންޒާރުގެ އީމެއިލްތައް ލިބެން ފެށުމާއެކު އެ އެއާޕޯޓުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

ހަމަލާތަކެއްގެ އިންޒާރު ދީފައި ވަނީ އީމެއިލް މެދުވެރިކޮށެވެ. އެހެން ނަމަވެސް އެ އިންޒާރު ދީފައިވާ ފަރާތެއް ސާފުވެފައިނުވާ ކަމަށް ބީއައިއޭއިން ބުނެފައިވެއެވެ. ލަންކާގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން އިންޒާރު ދީ އީމެއިލްތައް ފޮނުވާފައިވަނީ ބަންގްލަދޭޝްގެ ހަތިޔާރު އެޅި ޖަމާއަތްތަކުގެ އިންސްޓިޓިއުޝަނެއްގެ ވެބްސައިޓް ހެކުކޮށް، އެ ވެބްސައިޓު މެދުވެރިކޮށް ކަމަށެވެ.

ބީއައިއޭގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށް ބުނެފައިވަނީ ހަމަލާތަކެއްގެ އިންޒާރުގެ އީ-މެއިލްއާ ގުޅިގެން ތަހުގީގުތައް ފަށާފައިވާ ކަމަށާއި، ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވީ ކަމުގައި ވިޔަސް އާންމު އުސޫލުން އޮޕަރޭޝަންތައް ކުރިޔަށްދާ ކަމަށެވެ.

ލަންކާގެ އެއާޕޯޓުގައި ހަމަލާއެއް ދޭނެ ކަމަށް ބުނެ އިންޒާރުގެ އީމެއިލްތައް ފޮނުވާފައި މިވަނީ އެގައުމުގެ ހާލަތު އިގްތިސާދީ ގޮތުން ވެސް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. 2019 ވަނަ އަހަރުގެ ކުރީކޮޅު ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުކޮށްގެން ދިން ނިރުބަވެރި ހަމަލާތަކަށް ފަހު، އެ ގައުމަށް އެކި ފަންތީގައި ކުރިމަތިވި ހީނަރުކަމުން އަރައި ނުގަނެވި އުޅެނިކޮށް ދެން ކުރިމަތިވި ކޮވިޑް-19 އާލަމީވަބާގެ ސަބަބުން އެގައުމުގެ ހާލަތު އަދި ހަމައަކަށް އެޅިފައެއް ނުވެއެވެ.

ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ސްރީލަންކާ ފުރަބަންދުކޮށް، ކޮވިޑުން ރައްކާތެރިވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ މި ދަނޑިވަޅުގައި އެގައުމުގެ ފިހާރަތަކުން ކާބޯތަކެތީގެ ހަރުތައް މުޅިންހެން ހުސްވެ، ކާބޯތަކެތި ގަތުމަށް ފިހާރަތަކުގައި އޮންނަ ކިއުތައް ދިގުވަމުންދާ ކަމަށް އެގައުމުގެ ނޫސް އެޖެންސީތަކުން ރިޕޯޓު ކޮށްފައިވެއެވެ.