ފްރާންސުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ނުޖަހާނަމަ، ސަސްޕެންޑް ކުރާނެ ކަމަށް ބުނުމުން ގިނަ މުވައްޒަފުންތަކެއް ނުރުހުން ފާޅުކޮށްފިއެވެ. މިކަމާއި ގުޅިގެން ސިއްހީ ހިދުމަތްތެރިންގެ ތެރެެއިން ބައެއް މީހުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެެެއެވެ.

ފްރާންސުގެ ސަރުކާރުގެ ހޮސްޕިޓަލެއްގައި ފަޔާ ސޭފްޓީ އޮފިސަރެއްގެ މަގާމުގައި މަސައްކަތް ކުރަމުން އަންނަ ތިއެރީ ޕޭސަންޓް އާއި ހަވާލާދީ އަލްޖަޒީރާއިން ބުނީ ފްރާންސުގައި ހުރި ދީނީ ފައްޅިއެއްގެ ކުރިމަތީގައި ޓެންޓު ޖަހައިގެން، ހަޅުތާލު ކުރަމުންދާ އެންމެން އެތަނަށް އެއްވަމުން ދާ ކަމަށެވެ.

ޕޭސަންޓް ބުނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދަނީ ހަމައެކަނި ވެކްސިން ޖެހުމާއި ދެކޮޅު ވީމައި ނޫން ކަމަށެވެ. އޭނާ ބުނީ މުވައްޒަފުންނަށް ވެކްސިން ނުޖަހައިފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ ފްރާންސުގެ ސަރުކާރުން ބިރުދައްކައި، ވެކްސިން ޖަހަން މަޖުބޫރު ކުރުމަކީ 'ހަޖަމް' ވާނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.

ފާޅުގައި ސަރުކާރުގެ އުސޫލުތަކާއި ދެކޮޅަށް އެގައުމުގެ ސިއްހީ ހިދުމަތްތެރިން ނުކުމެ، އިހުތިޖާޖުކޮށް، ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަން ފަށާފައިވަނީ އެތައް މުވައްޒަފުންތަކެއް ވެކްސިން ނުޖެހުމުގެ ސަބަބުން ސަސްޕެންޑް ކުރުމާއި ގުޅިގެންވެސްމެއެވެ.

ފްރާންސުގެ ހެލްތް މިނިސްޓްރީން މިއަދު ބުނީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ވެކްސިން ޖަހަން ދެވިފައިވާ މުއްދަތު ހަމަވެފައިވާއިރު، ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހިފައިނުވާތީ 3،000އެއްހައި މުވައްޒަފުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެ މިނިސްޓްރީން ބުނީ މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކު ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށެވެ. ވެކްސިން ޖެހުމަށް ދެކޮޅު ހަދަމުންދަނީ މަދު ބަޔަކުކަން މިނިސްޓްރީން ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާދަމް

    ކޮބާ އެއްކަލަ ހައްޤުތަށް. މިނިވަންކަމުގެ ޙައްޤުތައް އޮތް ކަމަށް ދައުވާކުރާ، ޑިމޮކްރަސީ އޭ ކިޔާ އެތި ފައްކަވެފައި ވާ ތަންތަނުގެ ޙާލަތަކީ މިއީ ތޯ؟

    6
    1
  2. ސުވާލު

    އަހަރެން މިހުރީ ހައިރާންވެފަ. އެއީ ވަގުތު ނޫހަށް މިޚަބަރު ޖަހަން ކެރުނީމަ!!!
    ސުވާލަކީ މިހާރު ހުއްދަ ލިބުނީހޭ؟؟؟
    ފުރާންސްގައިވެސް ދުނިޔޭގެ އެކި ސަރަހައްދުގައިވެސް ބޮޑެތި މުޒާހަރާތައް ކުރިއަށްދާތާ ކޮންދުވަހެއް؟؟؟؟
    މީޑިޔާ ތަކަށް، ވެކްސިނާ ދެކޮޅަށް ދުނިޔޭގައި ކުރާ މުޒާހަރާތައްވެސް އަދި އެހެނިހެން ކަންކަންވެސް އެއީ 'ޚަބަރަކަށް' ނުބެލެވެނީ ކަންނޭނގެދޯ؟!

  3. މަރީނާތު

    މިޤައުމުގެ ވެސް ހާލަކީ ތީ. މުޒާހަރާއަށް ނިކުންނަންވީ

    1
    1