ޔޫއޭއީގެ އެންމެ ވަރުގަދަ އެއާލައިން ކަމަށްވާ އެމިރޭޓްސްގެ ކެބިން ކްރޫއަކަށްވާން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމިރޭޓްސް އިން ބުނީ، އެއެއާލައިނަށް ކެބިން ކްރޫއިން ހޯދުމަށް މުޅި ދުނިޔެއަށް ހުޅުވާލައިގެން ކެމްޕޭނެއް ފަށާފައިވާ ކަމަށެވެ. 3،000 ކެބިން ކްރޫއިން ހޯދަން އިއުލާނު ކޮށްފައިވާ ކަމަށް އެމިރޭޓްސް އިން ވަނީ ބުނެފައެވެ.

މުޅި ދުނިޔެއަށް ހުޅުވާލައިގެން ކެބިން ކްރޫން ހޯދުމަށް އިއުލާނު ކުރުމާއި އެކީ ދިވެހިންގެ ތެރޭގައި ތިބި މިކަމަށް ގާބިލު މީހުންނަށް ކްރޫއަކަށް ވުމުގެ ފުރުސަތު އޮންނާނެއެވެ.

އެމިރޭޓްސްގެ ކެބިން ކްރޫއަކަށް ވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެއެއާލައިނުން ބުނީ، އެކަމަށް އެދޭ ފަރާތްތަކަކީ އުމުރުން 21 އަހަރު ފުރިފައިވާ އިސްކޮޅުގައި އެންމެ މަދުވެގެން 160 ސެންޓިމީޓަރު ނުވަތަ 5.2 ފޫޓް ހުންނަ ފަރާތެއް ކަމަށްވާން ޖެހޭނެ ކަމަށެވެ.

އަދި ގްރޭޑް 12 ނިންމައި، އިނގިރޭސި ރަނގަޅަށް ލިޔަން ކިޔަން ދަންނަ މީހެއް ކަމުގައި ވާން ޖެހޭނެ ކަމަށާއި ކެބިން ކްރޫ ހެދުން އަޅައިގެން ހުންނަ ވަގުތު އެއްވެސް ކަހަލަ ޓެޓޫއެއް ފެނިގެން ނުވާނެ ކަމަށް ވެސް އެމިރޭޓްސްއިން ވަނީ ބުނެފައެވެ.

އެމިރޭޓްސްގެ ކެބިން ކްރޫއިންގެ މުސާރައަށް ބަލާއިރު، ބޭސިކް ސެލެރީއެއްގެ ގޮތުގައި 4،260 ދިރުހަމް (17،861 ރުފިޔާ) ލިބޭނެއެވެ. އަދި ފްލައިން ޕޭއާއި އެކީ ޖުމްލަ މުސާރައަށް މަހަކު 9،770 ދިރުހަމް (40،963 ރުފިޔާ) ލިބެއެވެ.

އެމިރޭޓްސްއިން 3،000 ކެބިން ކްރޫއިން ހޯދުމުގެ ކެމްޕޭނެއް ފަށާފައިވާއިރު، ދުބާއީގައި ހުންނަ އެއާޕޯޓުގައި މަސައްކަތް ކުރާނެ 500 ސަޕޯޓް ސްޓާފުން ހޯދުމަށް ވެސް ވަނީ އިއުލާނު ކޮށްފައެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއާލައިންސްގެ ތެރޭގައި ހިމެނޭ އެމިރޭޓްސްގެ ކެބިން ކްރޫއަކަށްވާން ބޭނުންވާ ފަރާތްތަކަށް އެކަމާއި ބެހޭ މައުލޫމާތު އެމިރޭޓްސްގެ ވެބްސައިޓް އިން ލިބޭނެއެވެ