19 އަހަރުގެ ފްލޮރިޑާ ޒުވާނަކު 14 އަހަރު ވަންދެން ރަހީނުކޮށްފައިވަނިކޮށް ފޭސްބުކުގެ ސަބަބުން މަންމައާއި ދިމާވެއްޖެއެވެ.

މީސްމީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޖެކުލިން ހަނަންޑެސް ރަހީނު ކޮށްފައިވަނީ އެމެރިކާ-މެކްސިކޯ ގުޅޭ ބޯޑަރު ސަރަހައްދުންނެވެ. ޖެކުލިން އާއި އޭނާގެ މަންމަ ދިމާވެފައިވަނީ ފޭސްބުކުން ވާހަކަ ދައްކަމުން ގޮސް ޓެކްސަސް އިންނެވެ.

ފޭސްބުކުން އޭނާގެ މަންމައަށް މެސެޖުކޮށް އޭނާ ދިރިއުޅެމުން އަންނަނީ މެކްސިކޯގައި ކަމަށް ޖެކަލިން ބުނެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކްލަމޮންޓްގެ ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖެކަލިން ގެއްލިފައިވާ ކަން އޭނާގެ މަންމަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން މި މަހުގެ ދެ ވަނަ ދުވަހު ފޭސްބުކުން ވާހަކަ ދެއްކި މީހަކީ އޭނާގެ ދަރިފުޅު ކަމަށް ބުނެފައިވާތީ އެކަން ބަލައި ދިނުމަށް އޭނާ އެދިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން މިމަހުގެ 10 ވަނަ ދުވަހު ޓެކްސަސް އިން އޭނާ އާއި ބައްދަލު ކުރުމަށް އެދިފައިވާތީ އެކަން ވެސް އޭނާ ވަނީ ފުލުހުންނަށް ހިއްސާ ކޮށްފައެވެ.

އެކަން އެގޮތަށް ހިނގައި ދިއުމުން ފުލުހުން ވަނީ ޖެކަލިން އޭނާގެ މަންމަ ކަމަށް ބުނާ މީހާއާއި ބައްދަލު ކުރާ ދުވަހު ފާރަލުމަށް ވަކި ޕްލޭނެއް ހަދާފައެވެ. އަދި ހޯދި މައުލޫމާތުތަކުން ޖެކަލިން އަކީ އަސްލު ވެސް އެ އަންހެން މީހާގެ ދަރިއެއްކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖެކަލިން ރަހީނު ކޮށްފައިވަނީ 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ފްލޮރިޑާއިންނެވެ. އަދި އޭނާ ރަހީނު ކޮށްފައިވަނީ އޭނާގެ ބައްޕަ ޕަބްލޯ ހަނާންޑެޒް ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު