ކޮވިޑް-19އިން ދިފާއުވުމަށް ޖަހަމުންގެންދާ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ތައިލެންޑްގެ ބެންކޮކް ހުޅުވާލަން ނިންމައިފިއެވެ.

ބެންކޮކް ހުޅުވާލަން ނިންމާފައި ވަނީ އޮކްޓޯބަރު 15 ވަނަ ދުވަހުއެވެ.

ކުރިން އޮކްޓޯބަރު އެއް ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އިއުލާނު ކުރި ބެންކޮކް ހުޅުވުން ދެ ހަފްތާއަށް ފަސްކޮށްފައި ވަނީ އެ ސިޓީގައި ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރަން އަދިވެސް ގިނަބަޔަކު ތިބުމުންނެވެ.

އެ ގައުމުގެ ޓޫރިޒަމް މިނިސްޓްރީން ނިންމާފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުންނަށް އެ ސިޓީ ހުޅުވާލައި، އެ ގައުމަށް މި އަހަރު ތެރޭގައި ގިނަ ފަތުރުވެރިންތަކެއް ގެނައުމަށެވެ.

އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރ ފިފަޓް ރަޓްޗަކިޓްޕްރަކް ވިދާޅުވީ، އެ ގައުމުގައި ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން އިތުރު ކުރުމަށް، ބެންކޮކް ހުޅުވުން އެންމެ ރަނގަޅު ވަގުތަކީ އޮކްޓޯބަރު 15 ކަމަށެވެ. އެއީ އެހާތަނަށް އެ ސިޓީގެ 70% މީހުންނަށް ވެކްސިން ދެވިފައިވާނެތީ ކަމަށް ވެއެވެ.

ފިފަޓް ވިދާޅުވީ، ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑާއި އެ މިނިސްޓްރީން ނިންމާފައި ވަނީ 21 ޑިސްޓްރީކްޓެއް ހުޅުވާލުމަށް ކަމަށެވެ.

"ކަރަންޓީނާއި ނުލާ ދަތުރު ކުރެވޭގޮތް ވުމުން ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާ ވާނެ، އެއީ ގިނަ ފަތުރުވެރިން އެހެން ޕްރޮވިންސް ތަކަށް ދަތުރު ކުރާއިރު ފުރަތަމަ މަންޒިލަކަށް ނަގަނީ ބެންކޮކް ކަަމަށް ވާތީ. އެގޮތުން ބެންކޮކްގައި ފަތުރުވެރިންނަށް ހަތް ދުވަހު މަޑު ކުރުމަށްފަހު އެހެން އަށް ޕްރޮންވިންސެއެއް ނެގިދާނެ ދެވަނަ ޗޮއިސްއަކަަަށް". ފިފަޓް ވިދާޅުވެފައި ވެއެވެ.

ބެންކޮކްގެ އިތުރުން، ޕަޓާޠާ، ޗިއަންގ މިއާ، ހުއާ ހިން، ޗަމް-އަމް، ފުކެޓް، ކޮ ސަމުއީ ފަތުރުވެރިންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި އެ ގައުމުގެ ޕަބްލިކް ހެލްތް މިނިސްޓްރީން ވިސްނަމުން ދަނީ ކަރަންޓީން މުއްދަތު 14 ދުވަހުން ހަތް ދުަވަހަށް ބަދަލު ކުރުމަށް ކަމަށް ރިޕޯޓްތައް ބުުނެއެވެ.