އެމެރިކާއިން ކާބުލް އަށް ދިން ޑްރޯން ހަމަލާގައި އެއް އާއިލާއެއްގެ 10 މެމްބަރުން ޝަހީދު ކުރެވުނީ އޮޅިގެން ކަމަށް އެގައުމުން ބުނެފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ އިސްވެރިޔާ ޖެނެރަލް ފްރޭންކް މެކް ކެންޒީ ބުނެފައިވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް އޮގަސްޓް މަހުގެ ފަހުކޮޅު ދިން ހަމަލާއަކީ އެބައި މީހުންނަށް ހެދުނު ގޯހެއް ކަމަށެވެ. އަދި އެކަމަށް މާފަށް އެދޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އެމެރިކާއިން ކާބުލް އަށް ދިން ހަމަލާގައި ކުޑަކުދިން ހިމެނޭ ގޮތަށް އެއް އާއިލާއެއްގެ 10 މެމްބަރަކު ވަނީ ޝަހީދު ވެފައެވެ.

އެ ހަމަލާއަކީ އޮޅިގެން ދެވުނު ހަމަލާއެއް ކަމަށް އެމެރިކާއިން އެއްބަސްވެފައިވަނީ މިވަނީ އެ ހަމަލާއާއި ގުޅިގެން "ސީއެންއެން" އިން ނެރުނު ނޫސްވެރިކަމުގެ ތަހުގީގީ ރިޕޯޓްގައި ހަމަލާގައި ޝަހީދުވި މީހުންގެ ކުށެއް ނެތްކަން ހެއްކާއި އެކު ހާމަ ކޮށްފައި ވަނިކޮށެވެ.

ސީއެންއެން ރިޕޯޓުގައި ވަނީ ހަމަލާ އަމާޒު ކުރި މީހުން އެދުވަހު ހެނދުނު ފަށައިގެން އުޅުނު ގޮތުގައި ޓައިމްލައިން އަކާއި ގިނަ އަދަދެއްގެ ސީސީޓީވީ ކެމެރާގެ ފުޓޭޖް އާއްމު ކޮށްފައެވެ.

އެމެރިކާއިން މިދަޔަ މަހުގެ ފަހުކޮޅު ދިން އެ ހަމަލާ އަމާޒުކޮށްފައިވަނީ އަފްގާނިސްތާނުގެ ކޮރާސަން ޕްރޮވިންސްގައި ހަރަކާތްތެރިވާ އައިއެސް ހަނގުރާމަވެރިއަކަަށެވެ.

"އަޅުގަނޑުމެންގެ މިކަމުގެ ތަހުގީގީ ހޯދުންތަކަށް ވަރަށް ރަނގަޅަށް ބެލުމަށްފަހު އަޅުގަނޑަން ޔަގީންވެފައިވަނީ މި ހަމަލާގައި ވަރަށް ދެރަކޮށް އެ ގައުމުގެ އާންމުންގެ 10 މީހަކު މަރުވެފައިވާކަން. އޭގެ ތެރޭގައި 7 ކުޑަކުދިން ހިމެނޭ. އެއީ އޮޅުމަކުންވީ ކަމެއް. އެކަމަށް މާފަށް އެދެން. އެހުރިހާ ކަމެއްގެ ޒިންމާ އަހަރެން އުފުލާނަން" މެކް ކެންޒީ ބުނެފައިވެއެވެ.

އެހަމަލާގައި ޝަހީދުވެފައިވާ 10 މީހުންގެ އާއިލާތަކަށް އޭނާ ވަނީ ތައުޒިޔާ ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އެމެރިކާއެއްނު އެވާނީ އޮޅުމަކުން.

  2. ޏަޖަނ

    އެމެރިކާޔަށް ކުރެވެނީ މުޅިންވެސް އޮޅިގެން. އިރާޤް ފުނޑާލެވުނިި އޮޅިގެން، ވޯލްޑް ޓްރޭޑް ސެންޓަރ އިޒުރޭލު މީހުން ލައްވާ ގޮއްވާލާފަ އަފްޤާނިސްތާނާއި ސައުދީ ބޮލުގަ އަޅުވާ އަފްޤާން ފުނޑާލީ އޮޅިގެން.

  3. Anonymous

    ޒިންމާ އުފުލުމަކީ މަރުގެ ދިޔަދިނުންބާ