އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް އެމެރިކާއިން ދިން ހަމަލާގައި އާއިލާއެއްގެ 10 މެމްބަރުން މަރުވެފައިވާ ކަމަށް އެމެރިކާއިން އެއްބަސްވެ، އެކަމާއި މައާފަށް އެދިފައިވެއެވެ. މި ހަމަލާގައި މަރުވި 10 މީހުންގެ ތެރޭގައި 7 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އެމެރިކާއިން މި ހަމަލާގައި އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު މަރުވުމާއި ގުޅިގެން މައާފަށް އެދިފައިވަނިކޮށް، ހަމަލާގައި ސަލާމަތްވެފައިވާ މީހުން ބުނެފައިވަނީ އެގައުމުން ހަމައެކަނި މާފަށް އެދުމަކުން ނުފުދޭ ކަމަށެވެ.

އެމެރިކާއިން ދިން ހަމަލާގައި މަރުވި ތިން އަހަރުގެ ތުއްތު މަލިކާގެ ބައްޕަ އައިމަލް އަހްމަދީ އިއްޔެ އަލްޖަޒީރާ ނޫހަށް މައުލޫމާތު ދެމުން ބުނީ އާއިލާއިން ޑިމާންޑް ކުރަނީ ކާބުލްއަށް ދިން ހަމަލާގައި ޑްރޯން ގޮއްވާލީ ކޮން ބައެއްކަން ހޯދުމަށް ތަހުގީގެއް ފެށުމަށް ކަމަށެވެ.

"އަހަރެންގެ އާއިލާގެ 10 މެމްބަރުން ގެއްލިއްޖެ. އަހަރެން ބޭނުންވަނީ އެމެރިކާ އާއި އެހެން ވެސް ޖަމުއްޔާތަކުގެ ފަރާތުން އިންސާފް ހޯދަން. އަހަރެމެންނަކީ މައުސޫމް ބައެއް. އެއްވެސް ކުށެއް ނުކުރަން" އޭނާ ބުނެފައިވެއެވެ.

އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެމެރިކާއިން ކާބުލްއަށް ދިން ހަމަލާގެ ސަބަބުން މަރުވި މީހުންގެ އާއިލާގެ މެމްބަރަކު އަލްޖަޒީރާ ނޫހަށް ބުނެފައިވަނީ ހަމަލާގައި ސަލާމަތްވި މީހުން ވެސް ބޭނުންވަނީ ގައުމު ދޫކޮށް ދާން ކަމަށެވެ.

އައިމަލް އަހްމަދީ ބުނީ އެމެރިކާގެ އަސްކަރިއްޔާއިން މި ހަމަލާ ތަހުގީގުކޮށް، އަސްކަރިއްޔާގެ ތެރެއިން މި ހިނގާދިޔަ ހިތާމަވެރި ހާދިސާގެ ޒިންމާ ނަގަން ޖެހޭ ފަރާތައް އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އޮގަސްޓް 29 ވަނަ ދުވަހު އެމެރިކާއިން ކާބުލްއަށް ޑްރޯން ހަމަލާތަކެއް ދީފައިވަނީ ކާބުލްގެ އެއާޕޯޓުގައި އައިއެސް އިން ބޮން ގޮއްވައި ދިން ހަމަލާގައި އެމެރިކާގެ ސިފައިން މަރުވުމާއި ގުޅިގެން އޭގެ ދެތިން ދުވަސް ފަހުންނެވެ. އަދި ރިޕޯޓު ކޮށްފައިވާ ގޮތުން އެމެރިކާގެ ޑްރޯން ހަމަލާތަކުގެ ތެރެއިން ހަމަލާއެއް އަމާޒުވެފައިވަނީ އައިމަލްގެ ބޭބެގެ ކާރަށެވެ. ކާރަށް ހަމަލާ އެރި ވަގުތަކީ ކާރުގައި ކުޑަކުދިން ހިމެނޭހެން އާއިލާ މީހުން އަރައިގެން ދަތުރު ކުރަމުންދިޔަ ވަގުތެއްކަން ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަން ރީނދޫ

    ތިއީ އެމެރިކާގެ އަނިޔާވެރި ކަމުގެ ކުޑަ މިންވަރެއް. އެތައް ބަޔަކު ގެ ލޭ ބޮއެގެން ތިބި ބޮޑެތި ޖައްލާދުން ތަކެއް އެމެރިކާގެ މީހުންނަކީ. ކިތައް މިލިއަން ރެޑް އިންޑިއަނުންނެއް މަރާލައިގެން އެ ބިމަށް ވެރިވެގަތް ބައެއް ތީ. ރެޑް އިންޑިއަނުންނަކީ ދިވެހި ނަސްލު. ވީމާ އެމެރިކާ އަކީ ދިވެހި ކާބަފައިން ގެ ބިން. ދޮން މީހުން އެރަށުން ކޮންމެވެސް ދުވަހަކުން ފައްސާލަން ޖެހޭ.

    4
    2
  2. އަލީ

    މުސްލިމުން ނަށް ދޭ ތިފަދަ ހަމަލާ ތަކުގަ ބައިވެރިވާ އަދި ރާވާ މީހުން ގެ މުޅިދިރި އުޅުން ހަލާކު ކުރަށް ވާށި. އާމީން