ސްޕޭންގެ ޖަޒީރާ ރަށެއް ކަމަށްވާ ލަ ޕަލްމާ ނަމަކަށް ކިޔާ ރަށުގައި ހުންނަ އަލިފާން ފަރުބަދަ ގޮވުމާއިއެކު އެރަށަށް އަލިފާން ފައިބަން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުރިން ލަފާކުރެވިފައި އޮތް ވަގުތައްވުރެ ކުރިން އަލިފާން ފަރުބަދަ ގޮވީ ބާރުގަދަ ބިންހެލުމެއް އައުމުގެ ސަބަބުންނެވެ. އަލިފާން ފައިބަން ފެށުމާއިއެކު ލަ ޕަމްލާ ރަށުގެ ހާހަކަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އެމީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު އަންނަނީ ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަލިފާން ފަރުބަދަ ގޮވުމާއިއެކު ރަތް ކުލައިގެ އަލިފާން ފައިބަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ. އަލިފާން ފަރުބަދަ އިން އަރާ އަލިފާނާއި ދުމުގެ ސަބަބުން އެސަރަހައްދުގެ ޖައްވު ވެސް ވަނީ ވަރަށް ބޮޑަށް ނުސާފު ވެފައެވެ.

އަލިފާން ފަރުބަދަ ގޮވައި އަލިފާން ފައިބަމުން ދިޔަ ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އަލިފާން ފަރުބަދަތަކާއި ގުޅޭ ތަޖުރިބާކާރުން ބުނާ ގޮތުގައި އަލިފާން ފަރުބަދައަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު މިފަރުބަދަ އިން އަލިފާން ފޭބުން ދެމިގެން ދާނީ ކިހައި ދުވަހަކަށް ކަމެއް ބުނާކަށް އަދި ނޭނގެއެވެ.