ދުނިޔެއިން ކޯލާ ބެއާ އެއްކޮށް ނެތިދާނެ ކަމުގެ ބިރު އޮތް ކަމުގެ އިންޒާރު ސައިންސުވެރިން ދީފިއެވެ.

ސައިންސުވެރިން ބުނަމުންދާގޮތުގައި މިހާރު އޮސްޓްރޭލިޔާގައި އުޅޭނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް އެންމެ 30،000 ކޯލާ ބެއާ ކަމަށެވެ. ދުނިޔޭގައި އެންމެ ގިނައިން ކޯލާ ބެއާ އުޅޭ އެއް ގައުމަކީ އޮސްޓްރޭލިޔާ ކަމަށް އަށްވާއިރު އެގައުމުގެ ކޯލާ ފައުންޑޭޝަނުން ބުނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ކޯލާ ބެއާގެ އާބާދީ 30 އިންސައްތަ އަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

2018 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުގައި އޮސްޓްރޭލިޔާގައި އެކަނިވެސް 46،000 އާއި 82،000 އާއި ދެމެދަށް ކޯލާ ބެއާ ދިރި އުޅެއެވެ. ނަމަވެސް މިިހާރު އެގައުމުގައި އުޅޭ ކޯލާ ބެއާގެ އާބާދީ ވަނީ 32،000 އާއި އާއި 58،000 އާއި ދެމެދަށް ދަށް ވެފައެވެ.

އޮސްޓްރޭލިޔާގައި އެންމެ ގިނައިން ކޯލާތައް ފެންނާނީ ދެކުނު އޮސްޓްރޭލިޔާގެ ސަރަހައްދުތަކުގައި އެވެ. ކޯލާގެ އާބާދީ ދަށް ވާން ފެށި އެއް ސަބަބަކީ އެސޮރުމެން އުޅޭ މާހައު ކުޑަވުމާއި ޖަންގަލިތަކުގައި ރޯވާ އަލިފާންތަކުގައި ކޯލާތައް މަރުވުމެވެ. ކޯލާތައް ދިރިއުޅޭ ސަރަހައްދުތަކަށް ބެލުމެއް ނެތި މަގުތައް ހެދުމާއި ގެދޮޅުއެޅުމުގެ ސަބަބުން، އަދި ގިނަ ބަލިތައް ޖެހުމުގެ ސަބަބުންވެސް ކޯލާތައް މަރުވުމާއި ދިމާވެއެވެ.

މީގެ ކުރީގައިވެސް ދުނިޔެއިން ކޯލާ ހުސްވެދާނެކަމުގެ އިންޒާރުތައް އެކި އެކި ޖަމިއްޔާތަކުން ވަނީ ދީފައެވެ. 2001 ވަނަ އަހަރުން ފެށިފެން އެކި ހާދިސާތަކާއި ދިމާވެ ކޯލާގެ އާބާދީ ވަނީ ދަށްވާން ފަށައިފައެވެ. އަދި 2050 ވަނަ އަހަރު ޖެހޭއިރު ކޯލާގެ އާބާދީ އެއްކޮށް ނެތިދާނޭ ކަމަށް ސައިންސްވެރިން ބުނެއެވެ.

ގަސް ބޯ ތަންތަނުގައި ދިރިއުޅޭ ކޯލާ ތަކަކީ ދުވާލަކު 20 ގަޑިއިރު ނިދުމުގައި ހޭދަކުރާ ޖަނަވާރެކެވެ. މިތަކެތި ކައިބޮއި ހަދަނީ ގަސްތަކުގެ ފަތެވެ. ތަބީއަތުގައި މިތަކެއްޗަކީ ވަރަށް މަޑުމައިތިރި ޖަނަވާރަކަށްވާއިރު ދުނިޔެއިން ފުރަތަމަ ކޯލާ ހޯދުނު ކަމަށް ބެލެވެނީ 1798 ވަނަ އަހަރުގައި އެވެ.