ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ކޮލެޖެއް ކަމަށްވާ ޖާމިޔާ ހަފްސާގައި ތާލިބާނުންގެ ދިދަ ނަގައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖާމިޔާ ހަފްސާގައި ހަތަރެއް ނުވަތަ ފަސް ދިދަ ނަގާފައިވެއެވެ. މި ކޮލެޖަކީ ފުލުހުން ސެކިއުރިޓީ ބަލަމުންދާ ކޮލެޖަކަށްވާ އިރު އެ ފަރާތްތަކަށް ނޭނގި އެ ތަނުގައި ތާލިބާނުންގެ ދިދަ ނެގުމުން އެ މައްސަލަ މިހާރު ވަނީ ބަލަން ފަށައިފައެވެ.

ޕާކިސްތާން ފުލުހުން ބުނީ ޖާމިޔާ ހަފްސާގައި ދިދަ ނަގާފައިވާކަން ފުލުހުންނަށް އަންގާފައި ވަނީ މެންދުރު ނަމާދަށް ފަހުގައެވެ. އަދި ފުލުހުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެ މައްސަލަ ވަގުތުން ވަނީ އަންގައިފައެވެ.

އަސްރު ނަމާދުގެ ކުރިން ތާލިބާނުންގެ ދިދަތައް ނަގާފައިވާއިރު ފުލުހުން ބުނާ ގޮތުގައި ތާލިބާނުންގެ ދިތަތައް ނަގާފައި ވަނީ ކުޑަކުދިންތަކެކެވެ. އަދި ސަރުކާރުގެ އިދާރާތަކުން ވަނީ މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތެއް ހެދުމަށް އަބަދުވެސް ތައްޔާރަށް ތިބުމަށް ފުލުހުންނަށް އަންގައިފައެވެ.

ފުލުހުން ބުނާގޮތުގައި ދިދައެއް އެރުވުމަކީ އަދި ކުށެއް ނޫންކަމަށެވެ. ނަމަވެސް ތާލިބާނުންގެ ދިދަ ޕާކިސްތާނުގެ ވެރިރަށުގައި އެރުވުމުން އެ ގައުމުގެ ބައެއް ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ ދެހަފްތާކުރިންވެސް ޕާކިސްތާނުގެ ސަރަހައްދެގައި ތާލިބާނުންގެ ދިދަ އާއި އަފްޣާނިސްތާނުގެ ގައުމީ ދިދަ ވަނީ ނަގައިފައެވެ. އަދި އިއްޔެ 10 މީހަކު އަފްޣާނިސްތާނުގެ ގައުމީ ދިދަ ހިފައިގެން މަގުމަތީގައި އުޅެނިކޮށް ޕާކިސްތާން ފުލުހުން ވަނީ އެމީހުން ހުއްޓުވައިފައެވެ. އަދި އޭގެ ފަހުން އޭގެ ތެރެއިން ފަސްމީހަކު ހައްޔަރުކޮށްފައިވާކަންވެސް ފާހަގަ ކުރެވެއެވެ.