ރަޝިއާގެ ޔުނިވާސިޓީއެއްގައި ދަރިވަރަކު ބަޑި ޖަހައި 6 މީހަކު މަރާލައިފިއެވެ.

ނޭޝަނަލް އިންވެސްޓިގޭޝަން ކޮމިޓީ ލޯ އެންފޯސްމެންޓް އެޖެންސީއިން ބުނީ ދަރިވަރު ޔުނިވާސިޓީގައި ބަޑީގެ ހަމަލާދީ ބަޔަކު މަރާލައިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި މި ހާދިސާއާއި ގުޅިގެން ހަމަލާދިން ދަރިވަރު ހައްޔަރު ކޮށްފައިވާކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.

މި ހާދިސާއާއި ގުޅޭ މައުލޫމާތު ހިއްސާކުރަމުން މީގެ ކުރިން އެޖެންސީން ބުނެފައިވަނީ މަރުވެފައިވަނީ 8 މީހުން ކަމަށެވެ. ނަމަވެސް، ފަހުން ވަނީ އަދަދު ބަދަލުކޮށް މަރުވެފައިވަނީ 6 މީހުން ކަމަށް ބުނެފައެވެ.

މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ފޫޓޭޖްއިން ފެނިގެންދަނީ ދަރިވަރަކު ބަޑި ޖަހަން ފެށުމުން، ބިރުން ފިލަން ވެެގެން ދަރިވަރުންތައް މަސައްކަތް ކުރަމުންދާ މަންޒަރެވެ. އެގޮތުން އެއްބަޔަކު ފުރަތަމަ ފަންގިފިލައިގެ ކުޑަދޮރުން ބޭރަށް ފުންމަމުންދާ މަންޒަރު ފާހަގަ ކޮށްލެވެއެވެ.

އަލްޖަަޒީރާ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުން ބަޑި ޖަހަމުންދިޔަ ދަރިވަރު ކުލާހަށް ވަނަ ނުދިނުމަށް ދަރިވަރުން ވަނީ ކުލާސްރޫމުގައި ހުރި ގޮނޑިތައް ބޭނުންކޮށްގެން ބެރިކޭޑެއް ޖަހާފައެވެ.

"ކުލާހުގަ 60 ވަރަކަށް ކުދިން ތިބި. އަހަރެެމެން ކްލާސްރޫމުގެ ދޮރު ޖަހާފަ ގޮނޑިތަކުން ދޮރު ބަންދުކުރީ" ރޮއިޓާސްއަށް މައުލޫމާތުދިން ދަރިވަރަކު ބުނެފައިވެެއެެވެ.

ބަޑިޖެހުމުގެ ހަމަލާ ހިނގި ވަގުތު ޔުނިވާސިޓީގައި 3،000 މީހުން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ. ރަޝިއާގެ ޕާމް ސަރަހައްދުގެ ހެލްތް މިނިސްޓްރީން ރިޕޯޓު ކޮށްފައިވާ ގޮތުން މި ހަމަލާގެ ސަބަބުން 24 މީހަކު ޒަހަމްވެފައިވެއެވެ. އަދި އޭގެ ތެރެއިން 19 މީހަކަށް އަނިޔާވެފައިވަނީ ވަޒަން އަރައިގެން ކަމަށް ބުނެފައިވެއެވެ.

ރަޝިއާގައި ބަޑި ގެންގުޅުމުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބައެއް ކަހަލަ ބަޑިތައް އާންމުންނަށް ވިއްކުން ވެސް ވަނީ މަނާ ކޮށްފައެވެ. އަދި ބަޑިއެއް ގެންގުޅޭ މީހަކަށް ވާނަމަ ވަކި ޓެސްޓުތަކަކުން ފާސްވުން މަޖުބޫރެވެ.