އެމެރިކާ އާއި އަދި ދުނިޔޭގެ އެކި ގައުމުތަކުގައި 1918 ވަނަ އަހަރުން ފެށިގެން 1919 ވަނަ އަހަރުގެ ބޮޑު ބަޔަކާއިއެކު ފެތުރިގެން ދިޔަ ރޯގާގައި އެމެރިކާ އިން މަރުވި މީހުންނަށްވުރެ ކޮވިޑްގައި އެގައުމުން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

1918 ވަނަ އަހަރު ފެތުރުނު ރޯގާގައި އެމެރިކާ އިން 675000 މީހުން މަރުވިއެވެ. ކޮވިޑްގައި އެމެރިކާ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 694000 އަށް އަރާފައެވެ. މިހާތަނަށް އެމެރިކާ އިން 43.1 މިލިއަން މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި 1918 ވަނަ އަހަރު ފެތުރުނު ރޯގާ ދާދި އަވަހަށް ދުނިޔެ އިން ނެތިގެން ދިޔަ ނަމަވެސް ކޮވިޑް އެގޮތައް ނެތިގެން ދިއުމަކީ ދުރުކަމެކެވެ. ނަމަވެސް ކޮވިޑް ޖެހުމުން ފުރާނަ އަށް ނުކުރައްވާ ނިސްބަތް ނުވަތަ ކޮވިޑް ޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ އަދަދު މަދު ކުރެވިދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. ކޮވިޑުން ދިފާއުވުމަށް ވެކްސިން ދޭން ފެށުމުން މިހާރު ވެސް ގިނަ ގައުމުތަކުން ވަނީ އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މަދުވަމުންނެވެ.

އެމެރިކާ އަކީ އަދިވެސް ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއްގައުމެވެ. މިއަހަރު ނިމުމުގެ ކުރިން އަދިވެސް އެމެރިކާ އިން ކޮވިޑްގައި ލައްކައެއްހައި މީހުން މަރުވެދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިހާރު ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 01 ވަނަ ދުވަހާއި ހަމައަށް އެމެރިކާ އިން ކޮވިޑް ޖެހިގެން 776000 މީހުން މަރުވާނެއެވެ.

1918 ވަނަ އަހަރު ރޯގާގައި އެމެރިކާ އިން މަރުވި މީހުނނަށްވުރެ ކޮވިޑްގައި މަރުވި މީހުންގެ އަދަދު އެމެރިކާގައި އިތުރުވި ނަމަވެސް މުޅި ދުނިޔޭގެ ތަފާސް ހިސާބަށް ބަލާއިރު ކޮވިޑްގައި މަރުވި މީހުންގެ އަދަދު މަދެވެ. 1918 ވަނަ އަހަރުގެ ރޯގާގައި މުޅި ދުނިޔެ އިން 50 މިލިއަން މީހުން މަރުވި ކަމަށް ވެއެވެ. ނަމަވެސް ކޮވިޑްގައި މިހާތަނަށް މަރުވެފައި ވަނީ 4.6 މިލިއަން މީހުންނެވެ.

1918 ވަނަ އަހަރުގެ ރޯގާ ފުރަތަމަ ފެނުނީ ސްޕޭނުންނެވެ. އެރޯގާ ދުނިޔޭގެ އެކި ސަރަހައްދުތަކަށް ފެތުރިގެން ދިޔައީ ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު އެކި ގައުމުތަކުގެ ސިފައިން އެނބުރި ގައުމަށް ދިއުމުން އެމީހުންގެ ފަރާތުންނެވެ. އެރޯގާ މަޝްހޫރު ވެފައި ވަނީ ސްޕެނިޝް ރޯގާގެ ނަމުންނެވެ.