ތައިލެންޑަކީ ފަތުރުވެރިކަމުގެ ގޮތުން މަޝްހޫރު ގައުމެކެވެ. ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ހިސާބުތަކުން ޗުއްޓީ ހޭދަކޮށްލުމަށާއި ވިޔަފާރި ދަތުރުތަކުގައި ވެސް އެތައް ބަޔަކު ޒިޔާރަތްކުރާ ގައުމެކެވެ.

ފާއިތުވި 10 އަހަރު ތެރޭގައި ތައިލެންޑަށް ޒިޔާރަތް ކުރި 106 މިލިއަން ފަތުރުވެރިންގެ މަޢުލޫމާތުތައް މިދިޔަ އޯގަސްޓް މަހު އޮންލައިންކޮށް ލީކުވެއްޖެ ކަމަށް އޭއެފްޕީގެ ރިޕޯޓްތަކުގައިވެއެވެ.

ނަމަވެސް ސައިބަރ ސެކިޔުރިޓީ ރިސާޗު ކޮމްޕެނީއިން ވަނީ ވަރަށް އަވަހަށް ލީކުވި ޑާޓާތައް ޕްލަގް ކޮށްފައެވެ. ސައިބަރ ސެކިޔުރިޓީ ރިސާޗުގެ އިސްވެރިޔާ ބޮބް ޑިއަޗެންކޯއަށް ފަތުރުވެރިންގެ މައުލޫމާތުތައް ލީކުވެފައިވާ ޑޭޓާބޭސް ފާހަގަކުރެވުނެވެ.

ފާއިތުވި 10 އަހަރުތެރޭގައި ތައިލެންޑަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ބައެއް މުހިންމު މައުލޫމާތު އޮންލައިންކޮށް ލީކުވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. މީގެތެރޭގައި ނަމާއި ޕާސްޕޯޓް ނަންބަރާއި ދިރިއުޅޭ އެޑްރެސް ފަދަ މައުލޫމާތު ލީކުވެފައިވެއެވެ.

2011 ވަނަ އަހަރު ބޮބް ޑިއަޗެންކޯ ތައިލެންޑަށް ޒިޔާރަތްކުރި އިރުގެ އޭނާގެ އަމިއްލަ ނަމާއި އެހެނިހެން މައުލޫމާތު ވެސް ބޮބްއަށް ފެނުނު ކަމަށް އޭނާ ބުނެފައިވެއެވެ.

މިކަން ތައިލޭންޑްގެ އޮތޯރިޓީއަށް އެނގުނީ އޯގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. އަދި ޖެހިގެން އައި ދުވަހު އެ މައްސަލަ ހައްލު ކޮށްފައިވެއެވެ.

ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި ލީކުވީ ކިހައި މައުލޫމާތެއް ކަމެއް ނޭނގޭ ކަމަށެވެ. އަދި އެމައުލޫމާތުތަކުގެ ތެރެއިން މައުލޫމާތުތަކެއް ހެކަރުންގެ އަތްދަށަށް ނުދާކަމުގެ ޔަގީންކަމެއް ވެސް ނެތެވެ.

ފަތުރުވެރިންގެ ލޯތައް އަމާޒުވެފައިވާ ތައިލެންޑަށް ކޮވިޑު 19 އިގެ ކުރިން 2019 ވަނަ އަހަރު ވަނީ 40 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.

ތައިލެންޑަކީ ދިވެހިން ވެސް ވަރަށް ގިނައިން ޒިޔާރަތް ކުރާ ގައުމުކެވެ.