ނައިޖީރިއާގައި ފެތުރެމުންދާ ކޮލެރާ ބަލީގެ ސަބަބުން 2،300 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ. މިއަހަރު ފެށުނީއްސުރެ މިހާތަނަށް އެތައް ހާސް ބަޔަކަށް ބަލި ޖެހިފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިން ގިނަކަން ނައިޖީރިއާގެ ސިއްހީ އޮފިޝަލުން ފާހަގަ ކުރެއެވެ.

ނައިޖީރިއާ ފާހަގަ ކުރެވެނީ އެފްރިކާ ބައްރުގެ އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައެވެ. ގައުމުގެ ހާލަތު އޮންނަ ގޮތުން އެގައުމުގައި ފެނުގެ ޒަރިއްޔާއިން ފެތުރެމުންދާ ބަލިތައް ވަނީ އިތުރުވެފައެވެ. އެގައުމުގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް (އެންސީޑީސީ)ން ބުނީ 5 ސެޕްޓެމްބަރު 2021 ވަނަ ދުވަހާއި ހިސާބަށް ކޮލެރާ ކަމަށް ޝައްކު ކުރެވޭ 69،925 ވޭދަނައެއް ފެނިފައިވާ ކަމަށާއި އަދި 2،323 މަރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި މި ފަހަރު ނައިޖީރިއާގައި ކޮލެރާ ފެތުރެމުން ދަނީ އެހެން ފަހަރުތަކަށް ވުރެ ހަލުވިކޮށެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރާއި އަޅާބަލާއިރު، ކޮލެރާ ބަލީގައި މަރުވާ މީހުންގެ ރޭޓްވެސް މިއަހަރު އިތުުރުވެފައިވާކަން ފާހަގަ ކުރެވެއެވެ. ތަޖުރިބާކާރުން ބުނަނީ މިއަހަރު ނައިޖީރިއާގައި ކޮލެރާ ބަލި ފެތުރެމުންދާ މިންވަރު އިތުރުވެފައިވަނީ ކޮވިޑް ބަލިމަޑުކަމަށް ސަރުކާރުން ކޮލެރާއަށްދޭ ސަމާލުކަން ކުޑަވުމުގެ ސަބަބުންނެވެ.

ފެބްރުއަރީ 2020 އިން ފެށިގެން ނައިޖީރިއާގައި 200،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު، 2،655 މީހުން އެ ބަލީގައި މަރުވެފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެގައުމުގައި އެންމެ ގިނައިން ކޮލެރާ ބަލި ޖެހިފައިވަނީ އުުމުރުން 5 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނަށްކަން އެންސީޑީސީގެ ހެޑް އޮފް ކޮމިއުނިކޭޝަންސް، ޔަހްޔާ ޑިސޫ ވިދާޅުވެެފައިވެއެވެ.

ޑިސޫ ވިދާޅުވީ މި އަހަރު ނައިޖީރިއާގައި ކޮލެރާ ފެތުރެން ފެށީ މޫސުމީ ބަދަލާ ހެދި އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުން ކަމަށެވެ.

ކޮލެރާއަކީ ފެނުގެ ޒަރިއްޔާއިން ފެތުރޭ 'ވިބްރިއޯ ކޮލެރާ' ބެކެޓީރިއަލް އިންފެކްޝަނެކެވެ. މި ބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހޮނޑުލުން، ބޭރަށް ހިންގުން، ހުންއައުން، ހަށިގަނޑުން ފެންހުސްވުން، އަކުނިވަޔަށް ދެމުން، ކުޑަކަމުދާތަކެތީގެ މިންވަރު މަދުވުން، އެއްގޮތަކަށްވެސް ކުޑަކަމު ނުދެވުން، ފަދަ ކަންތައްތައް ހިމެނެއެވެ.