މިހާރު ކުރިއަށްދާ އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ އިސްވެރިންގެ ބަހުސްގައި ތަގުރީރު ކުރުމުގެ ފުރުސަތަކަށް އަފްޣާނިސްތާނުގެ ވެރިކަން ކުރަމުންދާ ތާލިބާން ޖަމާއަތުން އެދިއްޖެއެެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންތޮނިޔޯ ގުތެހޭޝަށް ތާލިބާނުން ފޮނުވި ސިޓީއެއްގައި އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައި އާންމު މަޖިލީހުގެ ޖަލްސާގައި ތަގްރީރުކުރުމުގެ އިތުރުން އަފްޣާނިސްތާނުން އދ.އަށް ކަނޑައަޅައި ސަފީރުގެ މަގާމަށް އެ ޖަމާއަތުގެ ތަރުޖަމާން ސުހައިލް ޝާހީން ހަމަޖެއްސުމަށް ވެސް އެދިފައިވެއެވެ.

ތާލިބާނުންގެ ފަރާތުން އދ.ގައި މިކަމަށް އެދިފައި ވަނީ، އިންތިގާލީ ސަރުކާރުގައި ހާރިޖީ ވަޒީރު ކަމުގެ ގޮނޑި ފުރަމުން އަންނަ އާމިރު ހާން މުއްތަގީ، އދއަށް ފޮނުވި ސިޓީއެއްގައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލުގެ އިދާރާއިން ވަނީ ތާލިބާނުންގެ ސިޓީއެއް ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. އދ. ގައި އަފްޣާނިސްތާން ތަމުސީލުކުރަނީ އެ ގައުމުގެ ކުރީގެ ސަރުކާރުން ކަނޑައަޅާފައިވާ ސަފީރުކަމަށްވާ ގުލާމު އިސްހާގުޒާއީއެވެ. މިހާރު ތާވަލު ރާވާފައި އޮތް ގޮތުން، އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމުގައި އޭނާ ތަގުރީރު ކުރައްވާނީ ސެޕްޓެމްބަރު 27 ވަނަ ދުވަހުއެވެ.

މީގެއިތުރުން ތާލިބާނުންގެ ހުށަހެޅުމާ ގުޅިގެން އދ. ގެ ތަރުޖަމާނަކު ވިދާޅުވީ، މިކަމާ ބެހޭ މަޝްވަރާތައް ކުރިއަށްދާނީ މަތި ފެންވަރުގެ ކްރެޑެންޝަލްސް ކޮމިޓީއެއްގައި ކަމަށާއި ކޮމިޓީގައި ނުވަ މެމްބަރުން ހިމެނޭއިރު، މެންބަރުންގެ ތެރޭގައި އެމެރިކާ، ޗައިނާ އަދި ރަޝިއާވެސް ހިމެނޭނެ ކަމަށެވެ. ނަމަވެސް އާންމު މަޖިލީހުގެ ޖަލްސާ ނިމުމުގެ ކުރިން އެ ކޮމިޓީން ވަކި ގޮތެއް ނިންމާނެކަމަކަށް ނުބެލެވެއެވެ.

ތާލިބާނުންގެ އެދުމާއި އެއްގޮތަށް އަފްޣާނިސްތާނުން އދ. އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ބަދަލުކުރުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގައި އެ ޖަމާއަތް ބަލައިގަތުމަށް ކުރަމުންދާ މަސައްކަތަށް ލިބެނޭ ކުރިއެރުމެެއް ކަމުގައި އެ ޖަމާއަތުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚަޔާލެއް

    އެމީހުންގެ ހެދުމުން ވެސް އެމީހުންގެ ޝަޚްސިއްޔަތު ދައްކައިދޭ ނޫންތޯ؟ "ބޭރުން ގެނެވޭ ބޭރު ތަކެއްޗަށް ރޭރުވެގެން" ތިމާމެން ނޫޅޭނޭކަން އަންގައިދޭ ނޫންތޯ؟
    އެކަމަކު އަހަރުމެން ދިވެހިންގެ އިސްލާމިކް މިނިސްޓަރުންގެ ހެދުމާ، އިސްރާއިލީ ކެބިނެޓް މެންބަރުންގެ ހެދުމާ ވަކި ތަފާތެއް އެބަ އޮތްތޯ؟
    އެމީހުން ދިން އެއްޗެއް ކައިގެން، ދިން އެއްޗެއް ބޮއެގެން ތިބޭން އާދަވެފާ މިވަނީ. އެންމެ ފަހުން އަހަރުމެންގެ ކާބަފައިން ވާރުތަކޮއްދިން އިސްލާމީ ރިވެތި ސަޤާފީ ހެދުމަކީ ނުވެސް ނެތް އެއްޗަކަށް ވެއްޖެ. މިއީ އަޅުގަނޑުމެންގެ ވެރިން މިއަދު ވިސްނާލަންޖެހޭ ނުކުތާއެއް. ދިވެހީންގެ ތާރީޚާ ސަޤާފަތު ހިމާޔަތްކޮއް އަހަރުމެންގެ އިހުގެ ކާބަފައިން ވާރުތަކޮއްދިން ތަރިކަ މާދަމާގެ ޖީލުތަކަށް ރައްކާތެރިކުރުމަކީ ޚާއްސަކޮށް ވެރީން، ޢާންމުކޮށް ރައްޔިތުން ކުރުން ކޮންމެހެން ލާޒިމް ކަމެއް.

    3
    1
  2. ބޮކޮ

    ބޮކޯހަރަމް އްއް ވެސް ފުރުސަތު ދޭންޖެހޭނެ.