އެމެރިކާގައި އެ ގައުމުގެ ރައީސް ޖޯއީ ބައިޑެން އަށްވުރެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އޮތް ތާއީދު އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.

މިދިޔަ އަހަރު ބޮޑު އެމެރިކާ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ހޯދައިގެން ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ބައިޑެން އަށް އޮތް ތާއީދު ދަށްވެފައިވާ ކަން އެނގުނީ ހާވާޑް/ހެރިސް ޕޯލްގައެވެ.

ބައިޑެން އަށް އެމެރިކާ ރައްޔިރުންގެ ތާއީދު ގެއްލުމަށް ދިމާވި ސަބަބަކީ އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފޭބުމަށް އެންގުމާ ގުޅިގެންނާއި މެކްސިކޯ ކައިރިން މެދު ދެކުނު ބޯޑަރު ސަރަހައްދުގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

މެއި މަހު ބައިޑެން އަށް އޮތް ތާއީދު 57 އިންސައްތައިގައި އޮތް އިރު ސެޕްޓެމްބަރު މަހު އޭނާ އަށް އޮތް ތާއީދު ވަނީ 46 އިންސައްތަ އަށް ވެއްޓިފައެވެ. މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ބައިޑެންގެ ތާއީދު ގެއްލުނު ފުރަތަމަ ފަހަރެވެ.

އެމެރިކާގެ މިހާރުގެ ސަރުކާރަށް އޮތް ތާއީދު ދުވަހުން ދުވަހަށް ދަށްވަމުންދާ އިރު ދާދިފަހުން އަފްޣާނިސްތާންގައި އައިއެސް އަށް ހަމަލަދޭން ކަމަށް ބުނެ އެމެރިކާ އިން ޑްރޯން ހަމަލައެއް ދީ ކުށެއް ނެތް ބަޔަކު މަރުވުމުން އެ މައްސަލަ ވެސް ވަނީ ހޫނުވެފައެވެ.

އައިއެސް އަށް އަމާޒުކޮށް ކަމަށް ބުނެ އެމެރިކާ އިން ދިން ހަމަލާގައި މަރުވެފައި ވަނީ ނުވަ ކުޑަކުދިންނާއި އެހީފޯރުކޮށްދޭ ޖަމާއަތެއްގެ މީހެކެވެ. މިމައްސަލައާ ގުޅިގެން އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ.