ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކުރުމުން ތައިލެންޑްގެ ވެރިރަށް ބެންކޮކަށާއި އަދި އެހެން ސަރަހައްދުތަކަށް ވެސް ކަރަންޓީން ވުމެއް ނެތި އަންނަ މަހުން ފެށިގެން ފަތުރުވެރިންނަށް ޒިޔާރަތް ކުރެވޭ ގޮތައް ހެދި އުސޫލު އަނެއްކާވެސް ބަދަލު ކޮށްފިއެވެ.

ކޮވިޑްގެ ކަންކަމާއި ގުޅިގެން ތައިލެންޑް ސަރުކާރަށް ލަފާދޭ ކޮމެޓީން މިހާރު ނިންމާފައި ވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ވެސް ކަރަންޓީން ވުމެއްނެތި ތައިލެންޑަށް ދެވޭނީ ނޮވެމްބަރ މަހުން ފެށިގެން ކަމަށެވެ. ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށް މިހާރު ކަރަންޓީން ނުވެ ދަތުރު ކުރެވޭނީ ތައިލެންޑްގެ ހަމައެކަނި ތައިލެންޑްގެ ޕްކެޓަށެވެ.

ތައިލެންޑް ސަރުކާރުން ބުނާ ގޮތުގައި ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ޕްކެޓަށް ދަތުރު ކުރެވޭ ގޮތައް އުސޫލު ހަދާފައި ވަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައެވެ. ޕްކެޓްގެ ހާލަތައް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ތައިލެންޑް ސަރުކާރުން ބުނެއެވެ.

ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ތައިލެންޑްގެ އިގްތިސޯދަށް ވަނީ ކޮވިޑްގެ ސަބަބުން ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައެވެ. ތައިލެންޑްގެ އިގްތިސޯދީ ހާލަތު ދަށަށް ގޮސްފައި ވާއިރު އެގައުމުގެ ސަރުކާރާއި އަދި ރަސްގެފާނާއި ދެކޮޅަށް ވެސް މިހާރު އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމުގައި ތައިލެންޑުން ފުރަތަމަ ކާމިޔާބު މަސައްކަތްތަކެއް ކުރި ނަމަވެސް ޑެލްޓާ ވޭރިއަންޓްގެ ސަބަބުން އެގައުމުގެ ހާލަތު ވެސް ވަރަށް ބޮޑަށް ގޯސްވިއެވެ. ނަމަވެސް ހަރުކަށި ފިޔަވަޅުތަކާއިއެކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ މަދުވަމުންނެވެ. ކޮވިޑުން ދިފާއުވުމަށް ތައިލެންޑްގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ވެސް ވަރަށް ފުޅާކޮށް އަންނަނީ ހިންގަމުންނެވެ.