ސްޕޭންގެ ރަށެއްގައި ހުރި އަލިފާން ފަރުބަދައެއް ގޮވައި އެރަށަށް އަލިފާން ފޭބުމުގެ ސަބަބުން އެތައް ގައެއް އަނދައި އަޅިއަށް ވެފައިވަނިކޮށް އަލިފާނުގެ ސަބަބުން އުފެދުނު ވިހަ އާއިއެކު ވިހަ ގޭސް ހުރި ވާރޭ ޔޫރަޕްގެ ގައުމުތަކަށް ވެހެން ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕޭންގެ ކެނެރީ ރަށްތަކަށް އަލިފާން ފައިބަން ފެށުމުން އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކޮށްފައެވެ. އަލިފާން ފަރުބަދަ އިން އެލި ދުމުގެ ސަބަބުން ވިހަ ގޭހުން އުފެދުނު ވާރޭ ވިލާތަކުން މިހާރު ފްރާންސަށް ވަނީ ވާރޭ ވެހިފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަލްފާ ޑައިއޮކްސައިޑް ހުރި ވާރޭ ފްރާންސްގެ އިތުރުން މެޑިޓަރޭނިއަމް ކަނޑުގެ އެކި ސަރަހައްދުތަކަށް ކުރިއަށް އޮތް ހަފްތާ ބަންދުގައި ވެސް ވެހޭނެ ކަމަށް ބެލެވެއެވެ.

ސަލްފާ ޑައިއޮކްސައިޑް ހުންނަ ވާރޭ ފެނުގައި ޖެހިއްޖެނަމަ ލޮލަށާއި ހަންގަނޑަށް ގެއްލުން ވާނެއެވެ. އަދި އެފަދަ ވާރޭ ފެން ބޮއެފިނަމަ ފުރަމެއަށް ވެސް ގެއްލުން ވެއެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ފޭބި އަލިފާނުގައި 350 އިމާރާތެއް ވަނީ އަނދައި އަޅިއަށް ވެފައެވެ. އަލިފާނުގެ ސަބަބުން 160 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދަކަށް ވަނީ ގެއްލުން ލިބިފައެވެ.

މިހާރު ގޮވައިގެން އުޅޭ ސްޕޭންގެ އަލިފާން ފަރުބަދަ މިއަހަރު ގޮވާފައި މިވަނީ 50 އަހަރު ފަހުންނެވެ. އެންމެ ފަހުން އެފަރުބަދަ ގޮވީ 1971 ވަނަ އަހަރު އެވެ. މިފަހަރު އަލިފާން ފަރުބަދަ ގޮވާފައި ވަނީ ބާރުގަދަ ބިންހެލުމެއް ވެސް އައުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު