ދުނިޔޭގެ އެންމެ ބޮޑު "އާޓް ޕީސް" ޓަވަރު ދުބާއީގައި ހުޅުވަން ތައްޔާރުވެއްޖެއެވެ.

އާޓްގެ އެކި މަސައްކަތްތައް ފެނިގެންދާ ގޮތަށް މި އިމާރާތް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެނީ 2026 ވަނަ އަހަރުގައެވެ. ފަންސާސް ބުރިއަށް އިމާރާތް ކުރާ މި އިމާރާތުގެ އުސްމިނުގައި 170 މީޓަރު ހުންނާނެއެވެ.

އިސްރާއީލްގެ މަޝްހޫރު އާޓިސްޓެއް ކަމަށްވާ ޒައިގޯގެ ހިޔާލަށް އިމާރާތް ކުރާ މި އިމާރާތުގައި ޝޮޕިން ސެންޓަރަކާއި، އާޓް ގެލަރީސް، ރެސްޓޯރެންޓުތައް، ލަގްޒަރީ ފެންވަރުގެ ހޮޓަލަކާއި އެޕާޓްމެންޓުތައް ހުންނާނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ޓަވަރު އިމާރާތް ކުރުމުގެ މަސައްކަތް ފެށޭވަރު ވާނީ 2023 ވަނަ އަހަރުގައެވެ. އަދި 2026 ގެ ނިޔަލަށް މި ޓަވަރު އެއްކޮށް ނިމޭވަރުވާނޭ ކަމަށް ބެލެވެއެވެ.

އާޓްގެ އެކި އުފެއްދުންތައް އާންމުންނަށް ފެންނާނެ ގޮތަށް މި އާޓް ޓަވަރުގައި ހުންނާނެ އިރު މިތަނަކީ އެކި ބޭނުންތައް ހިފޭނޭ ގޮތަށް އިމާރާތް ކުރާ ތަނަކަށް ވުމުން ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެއެވެ. އަދި މިއީ އާޓްގެ ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ ފަރާތްތަކަށް އެފަރާތްތަކުގެ މަސައްކަތްތައް ފެންނާނެ ގޮތަށް ހުންނާނެ ތަނެއް ކަމަށްވެސް ބެލެވެއެވެ.

ދުބާއީ އަކީ ދުނިޔޭގައި އުމްރާނީގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ގައުމަށްވާއިރު އެގައުމުގައި ހުރި އިމާރާތްތައް ފަދަ އިތުރު ދެވަނަ އިމާރާތެއް ދުނިޔޭގެ އެއްވެސް ތަނެއްގައި ނުހުންނާނެއެވެ. އެންމެ އުސް އިމާރާތުން ފެށިގެން އެންމެ ބޮޑު ހަރަދެއް ކޮށްފައި އިމާރާތް ކުރާ ތަންތަންވެސް ހުރީ އެ ގައުމުގައިކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަފޫރާ

    ޓަވަރު ބިނާކޮއްގެން ބަޔަކައް ކަމެއް ވަންޏާ މިއާލާތުންނައް އޮންނަނީ އެކަމެއް ވެފަ.

    3
    2