ސްރީލަންކާއަށް މޫސުން ގޯސްވެ، ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރަމުންދާތީ އެގައުމުގެ 11 ޑިސްޓްރިކްޓަކަށް ރަތް ސަމާލު ނެރެފައިވާ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.

މޫސުމާއި ބެހޭ އިދާރާއިން ބުނީ ލަފާކުރެވޭ ގޮތުގައި 100 މިލިމީޓަރަށް އުތުރުން ހުޅަނގުގެ ސަރަހައްދުތަކަށް ވިއްސާރަ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އާދައިގެ މިނަށް ވުރެ ވައިގަދަވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެެއެވެ.

މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ރަތް ސަމާލު ނެރެފައިވާކަން ފާހަގަކޮށް ލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ ގަސްގަހުގެ ހިޔަލުގައި މަޑުނުކުރުމަށާއި، ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. އަދި މީގެ އިތުރުން ވިދާ ގުގުރަމުންދާ ވަގުތު ކުޅޭ ދަނޑުތަކާއި، ގަސް އިންދާ ދަނޑުބިންތައް އަދި ހަނޑޫ ދަނޑުތައް ފަދަ ހާމަކަންބޮޑު ސަރަހައްދުތަކުގައި މަޑުކޮށްގެން ގިނަވަގުތު ހޭދަނުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ގުގުރާ ވިދާނަމަ ބައިސްކަލު ފަދަ ހާމަ އުޅަނދުތަކުގައި ދަތުރުނުކުރުމަށާއި، ފޯނު ޗާޖަށް ޖަހައިގެން ބޭނުން ނުކުރުމަށާއި، އިލެކްޓްރިކް ޑިވައިސްތައް ބޭނުންނުކުރުމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި ގަހެއް ވެއްޓިދާނެ ކަމަށް ވިސްނައިގެން މަގުތަކުން ދަތުރުކުރުމަށާއި ކަރަންޓު ވަޔަރުތަކަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ކޮލަމްބޯ، ކެންޑީ، ނުވަރަ އެލިޔާ ހިމެނޭހެން 11 ސަރަހައްދަަކަށް ރަތް ސަމާލު ނެރެފައިވާއިރު، ވިދާ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެމުންދާތީ މީގެ ދެދުވަސް ކުރިން ވެސް ލަންކާގެ ބޮޑު ސަރަހައްދަކަށް ރަތް ސަމާލު ނެރެފައިވެއެވެ.