ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 822 މީހަކު މަރުވެއްޖެއެވެ.

ރަޝިއާއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކަށް ބަލާއިރު، ފަސް ވަނައަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެ، ހަތަރު ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. އެގައުން ދުވާލެއްގެ މައްޗަށް 700 އަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު އާއްމު ކުރާ ގައުމީ އިދާރާއަކުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރަޝިއާއިން އެއް ދުވަސް ތެރޭ އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 29،935 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި އެންމެ ގިނަ މީހުން އެއްދުވަސް ތެރޭ މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 828 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ރަޝިއާއިން މި ބަލި ޖެހިގެން މިހާތަނަށް 203,095 މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު 22,041 މީހަކު ބައްޔަށް ފައްސިވެފައިވާއިރު، ޖުމްލަ ފައްސިވި އަދަދު މިހާރު ވަނީ 7,398,415 އަށް އަރާފައެވެ. އެގައުމުން ދުވާލެއްގެ މައްޗަށް ފައްސިވާ އަދަދު ވެސް އުޅެނީ 20،000 އިން މަތީގައި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރަޝިއާއިން ބަލި ޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު ކޮންޓްރޯލް ވުމެއް ނެތި އިތުރުވަމުން އަންނަނީ އެގައުމުގައި ކޮވިޑް-19ގެ ޑެލްޓާ ވޭރިއެންޓް ފެތުރިފައިވާތީއެވެ. އަދި އެގައުމުގައި އެންމެ އެދެވޭ ގޮތަށް ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅިފައި ނުވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 6,590,933 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު އެގައުމުގައި ބަލި ޖެހިފައިވާ 604,387 މީހަކު އެބަ ތިއްބެއެވެ. އޭގެ ތެރެއިން 2،300 މީހަކަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެންނެވެ.

އެގައުމުގެ ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަ ފަރާތްތަކުގެ އަދަދު ފެށުނީއްސުރެ އެއްވަރެއްގައި ހުންނާތީ އެގައުމުގެ ބައެއް ރައްޔިތުން ވަނީ ސިއްހީ ދާއިރާގެ ބައެއް ފަރާތްތަކުން އެ އަދަދުތަކަށް މަކަރު ހަދާ ކަމަށް ތުހުމަތު ކޮށްފައެވެ.