އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން އެތައް ގެއްލުމެއް ލިބުނު ފަލަސްތީނުގެ ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް އަންނަ މަހު ފަށަން ނިންމައިފިއެވެ.

ޣައްޒާގެ ޕަބްލިކް ވޯކްސް އެންޑް ހައުސިންގް މިނިސްޓްރީން ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވަނީ ގަތަރުގެ ޣައްޒާ ރީ ކޮންސްޓްރަކްޝަން ކޮމިޓީ އާއި އިތުރު ބައިނަލްއަގްވާމީ ޖަމާއަތްތަކުން ގުޅިގެންނެވެ.

މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސްގެ އަންޑާ ސެކްރެޓަރީ ނާޖީ ސަރްހާން "އަލްޖަޒީރާ"އަށް ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުން ޣައްޒާ އާރާސްތުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިދިޔަ މޭ މަހު އިސްރާއިލުން އަފްޣާނިސްތާނަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކާއި، ސަރުކާރުގެ އޮފިސްތައް އަލުން އެޅުމަށާއި، ޖުމުލަގޮތެއްގައި ޣައްޒާ އާރާސްތުކުރުމަށް ގަތަރުން 500 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. މީގެ އިތުރުން މިސްރުން ވެސް މަގުތައް ހެދުމަށާއި، އިންފްރާސްޓްރަކްޗާގެ މަސައްކަތް ކުރުމަށް 500 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވެއެވެ.

އިސްރާއިލުން ޣައްޒާގެ އާންމު ރައްޔިތުންނަށާއި، ގެދޮރުތަކާއި އޮފިސް އިމާރާތްތަކަށް އަމާޒުކޮށް 11 ދުވަހަށް ދެމިގެންދިޔަ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 260އަށް ވުރެ ގިނަ މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި 66 ކުޑަކުދިން ހިމެނެއެވެ.

މޭ މަހުގެ މި ހަމަލާތަކުގެ ސަބަބުން 2،000އަށް ވުރެ ގިނަ ގެދޮރު ބޭނުންނުކުރެވޭ ވަރަށް ސުންނާފަތިވެފައިވާއިރު، 22،000 ޔުނިޓަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. ނަތީޖާއެއްގެ ގޮތުން ދިހަ'ހާހަށް ވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވެެއެވެ.