ރާއްޖެއާ ދުރުން ބޭ އޮފް ބެންގާލްގެ ހުޅަނގު އުތުރުގައި އުފެދިފައިވާ "ގުލާބު" ތޫފާން އިންޑިއާގެ ބައެއް ސަރަހައްދުތަކަށް އަރާނެ ކަމުގެ އިންޒާރު ދީފިއެވެ.

"ގުލާބު" ތޫފާން އިންޑިއާގެ ބައެއް ސަރަހައްދުތަކަށް އަރާނެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފައިވަނީ މި ތޫފާން ހުޅަނގަށް ދަތުރުކޮށް މިރޭގެ ވަގުތެއްގައި އިންޑިއާގެ އިރުމަތީ އައްސޭރި ހުރަސް ކުރާނެ ކަމަށެވެ. އެހެން ކަމުން އެސަރަހައްދުތަކަށް ވަނީ ރަތް ސަމާލު ނެރެފައެވެ.

ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންޑިއާއަށް އާއްމު ގޮތެއްގައި ތޫފާން ނާރައެވެ. ނަމަވެސް މިހާރު އުފެދިފައިވާ ތޫފާން އެގައުމުގެ ބައެއް ސަރަހައްދުތަކަށް އަރާނެ ކަމަށް ވަނީ ބުނެފައެވެ. މި ތޫފާން އަރާނެ ކަމަށް ބެލެވިފައިވަނީ އުތުރު އަބްދްރާ އަށާއި އޮޑިޝާގެ ދެކުނު ސަރަހައްދަށެވެ.

މި ތޫފާނުގެ ސަބަބުން އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ) އިން ވަނީ، ގަޑިއަކު 95 ކިލޯމީޓަރު ބާރު މިނުގައި ވައިޖެހުން އެކަށީގެން ވާ ކަމުގެ އިންޒާރު ވެސް ދީފައެވެ.

އައިއެމްޑީއިން ބުނީ، ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދުނު ވަރުގަދަ ޑިޕްރެޝަން، ތޫފާނަކަށް ބަދަލުވީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ބުނެފައެވެ. މި ތޫފާން މިރޭގެ ވަގުތެއްގައި ގެއްލިގެން ހިނގައިދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އައިއެމްޑީއިން ވަނީ ބުނެފައެވެ.

އައިއެމްޑީއިން ވަނީ ތޫފާން "ގުލާބު" ގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ހާދިސާތަކާއި އެނޫން ވެސް ގެއްލުން ދެނިވި ހާދިސާތައް ހިނގުން އެކަށީގެންވާ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު