އިސްރާއީލްގެ ސިފައިން ފަލަސްތީނަށް ދިން ހަމަލާއެއްގައި ފަސް މީހަކު ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު މުހައްމަދު ހަލީލް "އަލްޖަޒީރާ" ނޫހަށް ވަނީ އިސްރާއިލުންގެ ހަމަލާގައި މަދުވެގެން ތިން މީހަކު ޝަހީދުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ ޝަހީދުވެފައިވާ މީހުންގެ ތެރެއިން ތިން މީހެއްގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެމީހުންގެ އާއިލާތަކަށް މި ހަބަރު ދީފައިވާ ކަމަށެވެ.

އިސްރާއީލްގެ ހަމަލާގައި 16 އަހަރުގެ ކުއްޖަކާއި 22 އަހަރުގެ ކުއްޖެއް ވެސް ޝަހީދުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންގެ ސިފައިން މަސައްކަތް ކުރަމުން އަންނަނީ ޣައްޒާގެ ވެރިކަންކުރަމުންދާ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ހައްޔަރު ކުރުމަށެވެ. އިސްތިއުމާރީ ސިފައިންނާ ދެކޮޅަށް ހަމާސްގެ ހަނގުރާމަވެރިން މިއަދު ވަނީ ހަމަލާދީ، ދެބައި މީހުންގެ މެދުގައި ހަމަލާ ބަދަލުކޮށްފައެވެ. އިސްރާއިލުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުން މި ހަމަލާ ބަދަލުކުރުންތަކުގެ ތެރެއިން ޔަހޫދީންގެ ސިފައިންގެ ތެރެއިން ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އިސްރާއީލް އިސްތިއުމާރީ ސިފައިންގެ މި ރޭޑަކީ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ހައްޔަރު ކުރުމަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ބުނެފައިވެއެވެ. ނަމަވެސް، ފަލަސްތީނުގެ ނޫސް އެޖެންސިީތަކުން ރިޕޯޓުކޮށް ބުނެފައިވަނީ ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެދޮރުތަކަށް ވަދެ، ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

ހަމަލާދީ ފަސް މީހުން ޝަހީދުކޮށްލުމުގެ އިތުރުން ފަލަސްތީނުގެ މީހުންތަކެއް ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ބަންދުކުރި މީހުންގެ އާއިލާތަކުން ވަނީ އިސްރާއިލުގެ މި އޮޕަރޭޝަންތަކަށް ފަލަސްތީނުގެ ސިފައިން އެއްބާރުލުން ދެމުންގެންދާ ކަމުގެ ތުހުމަތު ކޮށްފައެވެ.