ގްރީސްގެ ޖަޒީރާ ރަށެއް ކަމަށްވާ ކްރެޓް އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނީ ބިންހެލުން އައީ ބިމުގެ 1.24 މޭލު އަޑިއަށް ކަމަށެވެ. ބިންހެލުމުގެ ބާރުމިން 6.5 މެގްނެޓިއުޑްގައި ރެކޯޑް ކުރެވިފައިވާ ކަމަށް ވެސް މެޑިޓަރޭނިއަމްގެ ބިންހެލުންތަކުގެ ރެކޯޑްތައް ބަލަހައްޓާ އިދާރާ އިން ބުނެއެވެ.

ބިންހެލުމުގެ ލޮޅުން އިހްސާސް ކުރެވުނު ބައެއް މީހުން މީސް މީޑިއާގައި ބުނެފައި ވަނީ ބިންހެލުމުގެ ސަބަބުން ގޭތެރޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންވި ކަމަށެވެ. "އަހަރެމެން ގޭގެ ކުޑަ ދޮރުތައް ތަޅައިގެން ދިޔަ. ބައެއް ފޮޓޯ ފްރޭމްތައް ވެއްޓުނު. އަދި ބައެއް ތަށިތައް ވެސް ތަޅައިގެން ދިޔަ." ބިންހެލުމުގެ ލޮޅުން އިހްސާސް ކުރެވުނު މީހަކު ބުންޏެވެ.

އިތުރު މީހަކު ބުނީ ބިންހެލުން އައި ވަގުތު އިމާރާތްތަކަށް ވަރަށް ބޮޑަށް ލޮޅުން އެރިކަން އޭނާ އަށް ވެސް އިހްސާސް ކުރެވުނު ކަމަށެވެ.

ނަމަވެސް ބިންހެލުމުގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ގްރީސްއަކީ ބިންހެލުން އަބަދުވެސް އަންނަ ގައުމެކެވެ. މިއަހަރުގެ މާޗް މަހު ވެސް އެގައުމަށް ބާރުގަދަ ބިންހެލުމެއް އައިސްފައި ވެއެވެ. އެބިންހެލުމުގައި އެކަކު މަރުވެ ތިން މީހަކަށް އަނިޔާވިއެވެ. މިދިޔަ އަހަރު އެގައުމަށް ބާރުގަދަ ތިން ބިންހެލުމެއް އައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ގްރީސް އަށް އައި ބިންހެލުމެއްގައި 114 މީހުން މަރުވެ ހާހަކަށް ވުރެ ގިނަ މީހުން ޒަހަމްވިއެވެ.

ފަހުގެ ތާރީހްގައި ގްރީސް އަށް އައި އެންމެ ބާރުގަދަ ބިންހެލުން އައީ 2017 ވަނަ އަހަރު އެވެ. އެއަހަރު އައި ބިންހެލުމެއްގައި 150 މީހުން މަރުވިއެވެ.