ކިއުބާއިން އެގައުމުގައި ތައްޔާރުކުރާ އަބްދަލާ ކޮވިޑް-19 ވެކްސިން އެކްސްޕޯޓް ކުރަން ފަށައިފިއެވެ.

އެގައުމުގެ ރައީސް މިގުއެލް ޑިއާޒްކަނެލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ގައުމުން ވިއެޓްނާމަށް ފޮނުވި ކޮވިޑް ވެކްސިންގެ ޝިޕްމެންޓް އެގައުމަށް ލިިބިފައިވާ ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން މި ވެކްސިން ޝިޕްމެންޓުގައި ވިއެޓްނާމުންް ގަނެފައިވާ 900,000 ޑޯޒް ވެކްސިނާއި، ކިއުބާާއިން އެގައުމަށް ހަދިޔާ ކޮށްފައިވާ އިތުރު 150,000 ޑޯޒް ވެކްސިން ހިމެނެއެވެ.

ވިއެޓްނާމުގެ ރައީސް ގޫޔެން ޒުއާން މިދިޔަ ހަފްތާގައި ކިއުބާ ޒިޔާރާތްކުރައްވާ، އެގައުމުގައި ވެކްސިން ތައްޔާރު ކުރަމުންދާ ލެބޯޓަރީއަށް ޒިޔާރާތް ކުރައްވާފައިވެއެވެ. އަދި އެތަން ބެލުމަށްފަހު މަދުވެގެން ފަސް މިލިއަން ޑޯޒް ވެކްސިން ގަތުމަށް އެގްރީމެންޓެއްގައި ސޮއި ކުރައްވާފައިވެއެވެ. މި ދެގައުމަކީ ދުވަސްވީ، އެކުވެރި ގައުމެއްކަން ފާހަގަ ކޮށްލެވެއެވެ.

މިދިޔަ ހަފްތާ ބަންދުގައި، ކިއުބާގައި ތައްޔާރު ކުރަމުން އަންނަ ވެކްސިން ވެނެޒުއެލާއަށް ފޮނުވާފައިވާކަން އެގައުމުގެ ސެންޓަރ ފޯ ޖެނެޓިކް އިމިއުނޮލޮޖީ އެންޑް ބަޔޯޓެކްނޮލޮޖީއިން އިއުލާން ކޮށްފައިވެއެވެ. ކިއުބާގެ ނައިބް ރައީސް ޑެލްސީ ރެޑްރިގޫޒް މިދިޔަ ޖޫން މަހު ވިދާޅުވީ ވެނެޒުއެލާއިން ގަންނަން އެއްބަސްވެފައިވަނީ 12 މިލިއަން ޑޮލަރުގެ ވެކްސިން ކަމަށެވެ. މިއީ ކިތައް ޑޯޒް ވެކްސިންކަން ހާމަކޮށްފައެއް ނުވެއެވެ.

ކިއުބާއިން އެގައުމުގައި ތައްޔާރުކުރާ ވެކްސިން އެކްސްޕޯޓް ކުރުން އިތުރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން މި ވެކްސިންކީ ދުނިޔޭގެ ސިއްހަތު ޖަމުއްޔާ، ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައިވާ ވެކްސިނެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތްވެސް އެގައުމުން ކުރަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

އެގައުމުގެ ސައިންސްވެރިން ބުނެފައިވަނީ އަބްދަލާ ކޮވިޑް ވެކްސިންކީ 90 އިންސައްތަ ބަލިން ރައްކާތެރި ކޮށްދޭ ވެކްސިނެއް ކަމަށެވެ.