ޖަޕާނުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދަށަށް ދިއުމާއެކު، އެގައުމުގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެގައުމުގެ ބޮޑުވަޒީރު ޔޮހިޑީ ސުގާ އިއްޔެ ވިދާޅުވީ އެގައުމުގައި ކޮވިޑަށް ފައްސިވާ މީހުން މަދުވުމާއެކު ކޮވިޑުން ދިފާއުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން، އެގައުމުގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މާދަމާއިން ފެށިގެން ނެގުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފައިވެއެވެ.

ޖަޕާނުގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ނިންމާފައިވަނީ ސަރުކާރުގެ އެޑްވައިޒަރީ ޕެނަލުން މި ނިންމުން ނިންމުމަށް ދިން ހުއްދައާއި އެކުއެވެ. އަދި މި ނިންމުން ނިންމާފައި ވަނީ ހަ މަސް ދުވަހަށް ފަހުގައިކަން ފާހަގަ ކޮށްލެވެއެވެ.

ސިއްހީ ކުއްލި ނުރައްކަަލުގެ ހާލަތު އުވާލި ކަމުގައި ވިޔަސް ރައްޔިތުންނަށް 100% މިނިވަންކަން ނުލިބޭކަން އެގައުމުގެ ސިއްހީ އޮފިޝަލަކު ފާހަގަ ކޮށްފައިވެއެވެ. ކޮވިޑުން ދިފާއުވުމަށް އަޅާފައިވާ ފިޔަވަޅުތަކެއް ދަމަހައްޓަމުންދާނެކަން ފާހަގަ ކުރައްވާ އޮފިޝަލް ވިދާޅުވީ، ބޮޑެތި އެއްވުމާއި ބޮޑެތި ޕާޓީ ފަދަ ހަފްލާތައް ބޭއްވުން އަދިވެސް މަނާ ވާނެކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލި ނަމަވެސް، އެގައުމުގައި ބައެއް ހިދުމަތްތައް ދިނުމުގައި ހާއްސަ ހުއްދައެއް ހޯދަންޖެހޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެގޮތުން، ރޭގަނޑު 9:00 ޖަހަންދެން ރެސްޓޯރެންޓްތައް ހުޅުވައިފައި ބެހެއްޓުމަށް ހާއްސަ ހުއްދައެއް ބޭނުންވާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޖަޕާނުން މިހާތަނަަށް 1,697,631 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 17,551 މީހުން މަރުވެ، 1,647,414 މީހުން ބަލިން ރަނގަޅުވެފައިވާކަމަށް ސިއްހީ ރިކޯޑުތަކުން ދައްކައެވެ.