އެމެރިކާގެ ސިއްރު އެތައް ހާސް ލިޔުމެއް ލީކް ކޮށްލި އެޑްވަޑް ސްނޯޑަން ފިލަން އެހީވި ސްރީލަންކާގެ އާއިލާއަށް ކެނެޑާ އިން ހިމާޔަތް ދީފިއެވެ.

2013 ވަނަ އަހަރު އެމެރިކާގެ ސިއްރު އެތައް މައުލޫމާތެއް ހިފައިގެން ސްނޯޑަން ފުރައިގެން ހޮންކޮންގް އަށް ދިއުމުން އެގައުމުން ސްނޯޑަން އަށް އެހީތެރިވީ ލަންކާގެ ދެމަފިރިއެކެވެ. ސްނޯޑަން އަށް ރަޝިއާ އަށް ފުރޭނެ ގޮތް ހަމަޖެހެން ދެން އޭނާ ބެހެއްޓީ ލަންކާގެ ދެމަފިރިއެއްގެ ގޭގައެވެ.

ސްނޯޑަންއަށް އެހީތެރިވެދިނީ ސުޕުން ތިލާނިއާ އާއި އޭނާގެ އަންހެނުން ނަޑީކާ ނޮނިސް އެވެ. އެދެމަފިރިންގެ ދެކުދިން ވެސް އެބަތިއްބެވެ. ސްނޯޑަންއަށް އެހީތެރިވިއިރު ވެސް ސުޕުންގެ ދެމަފިރިން ހޮންކޮންގްގައި ދިރިއުޅެމުން އައީ ރެފިއުޖީންގެ ގޮތުގައެވެ. ސްނޯޑަން އެމީހުންގެ އެހީއަށް އެދުނީ ވެސް އެއީ ރެފިއުޖީން ކަމަށް ވުމުންނެވެ.

2016 ވަނަ އަހަރު ސްނޯޑަން އާއި ގުޅޭ ގޮތުން ހެދި ފިލްމެއްގައި ލަންކާ ދެމަފިރިންގެ ވާހަކަތައް ގެނެސްދިނެވެ. އެމީހުން ލަންކާ އަށް އަނބުރާ އަތުވެއްޖެނަމަ އެމީހުންނާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އޮތީ ބެލެވިފައެވެ. އެހެންކަމުން އެމީހުން ދިޔައީ ހޮންކޮންގް އިން ދާއިމީ ރައްވެހިކަން ހޯދަން މަސައްކަތް ކުރަމުންނެވެ.

ސުޕުންގެ އާއިލާ އަށް ހިމާޔަތް ދޭނެ ގައުމެއް ހޯދަން 2019 ވަނަ އަހަރު އަމިއްލަ ޖަމިއްޔާ އަކުން ވެސް މަސައްކަތް ފެށިއެވެ. އެމަސައްކަތް ކާމިޔާބުވެ އެންމެ ފަހުން މިހަފްތާގައި ކެނެޑާ އިން ވަނީ އެއާއިލާ އަށް ހިމާޔަތް ދީފައެވެ.

2001 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ގެ ހަމަލާއަށް ފަހު އެމެރިކާ އިން އެގައުމުގެ ރައްޔިތުން ޖާސޫސު ކުރަން ހިންގަމުން ގެންދިޔަ އެތައް ކަމެއް 2013 ވަނަ އަހަރު ސްނޯޑަން ފަޅައި އަރުވާލިއެވެ. އޭނާ އަށް ރަޝިއާ އިން ވަނީ ހިމާޔަތް ދީފައެވެ.