ޕާކިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 20 މީހުން މަރުވެ، ގިނަ ބަޔަކު ޒަހަމްވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕާކިސްތާންގެ ދެކުނުގެ ސަރަހައްދަކަށް ރޭ މެންދަމު ބިންހެލުމެއް އައީ 5.7 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. ބިންހެލުން އައީ އެކަހެރި ސަރަހައްދެއް ކަމަށްވާ ހަނާއީއަށެވެ. އެއީ ބޮލޮޗިސްޓަން ޕްރޮވިންސްގެ އަވަށެކެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ މެންދަމު 03:00 ކަންހާއިރުއެވެ. ބިންހެލުން އައީ 20.8 ކިލޯމީޓަރު އަޑިއަށް ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެއެވެ.

ބިންހެލުމުގެ ސަބަބުން ޒަހަމްވި މީހުންގެ އަދަދު 200 އަށްވުރެ ގިނައެވެ. ބިންހެލުމުގައި ޒަހަމްވި މީހުންނާއި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބިންހެލުމުގެ ސަބަބުން ހަނާއީއަވަށުގެ ގިނަ އަދަދެއްގެ ގެތައް ވަނީ ވެއްޓިފައެވެ. ބިންހެލުމުގެ ސަބަބުން އަނިޔާވެފައިވާ މީހުންނަށް އެހީތެރިވެދީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ބިންހެލުން އައި ސަރަހައްދަކީ އެކަހެރި ސަރަހައްދަކަށްވާތީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސިފައިން ދަނީ ހެލިކޮޕްޓަރުތައް ވެސް ބޭނުން ކުރަމުންނެވެ.

އެހީ ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ހަނާއީ އަވަށަށް ދަތުރު ކުރުމަށް އޮތް މަގުތައް ބިންހެލުމުގެ ސަބަބުން ބަންދުވެފައިވުމެވެ. ބިންހެލުމުގެ ސަބަބުން ފަރުބަދަތައް މަތިން ހިލައާއި ވެލި ފޭބުމުގެ ސަބަބުން އެއަވަށަށް ދަތުރުކުރަން އޮންނަ މަގުތައް ބަންދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބިންހެލުން އައި ބޮލޮޗިސްޓަން ޕްރޮވިންސަށް މީގެ ކުރިން ވެސް ބާރުގަދަ ބިންހެލުންތަކެއް އައިސްފައިވެއެވެ. އެޕްރޮވިންސަށް އެންމެ ފަހުން ބާރުގަދަ ބިންހެލުމެއް އައީ 2013 ވަނަ އަހަރުއެވެ. އެފަހަރު 7.7 މެގްނެޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެއްގައި 330 މީހުން މަރުވެ 400 އަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ.

ކިޔުންތެރިންގެ ހިޔާލު