އީރާންގެ ފުރަތަމަ ރައީސް، އަބުލްހަސަން ބަނިސާދަ އަވަހާރަވެއްޖެއެވެ.

އީރާންގެ ރައީސްކަން 1979 ވަނަ އަހަރުން ފެށިގެން 1981 ވަނަ އަހަރާއި ހަމަ ކުރައްވާފައިވާ އަބުލްހަސަން އަވަހާރަވެފައިވަނީ އުމުރުފުޅުން 88 އަހަރުގައި ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

އަބުލްހަސަން އަވަހާރަވެފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެމަނިކުފާނު މައްޗަށް ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށް އުފަން ގައުމު ދޫކޮށް ފްރާންސަށް ދިރިއުޅުން ބަދަލުކޮށްގެން އުޅުއްވަނިކޮށް އެގައުމުގެ ވެރިރަށް ޕެރިސްގައެވެ.

އިރާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕެރިސްގެ ސަލްފީޓްރިއާ ހޮސްޕިޓަލަށް އަބުލްހަސަން އަވަހާރަވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅެއްގައި އޮންނެވުމަށްފަހުއެވެ.

1933 ވަނަ އަހަރު އުފަންވެފައިވާ އަބުލްހަސަން އިރާނުގެ ވެރިކަމާއި ހަވާލުވިތާ ދުވަސްކޮޅެއް ނުވަނީސް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އެ ވެރިކަން ވައްޓާލާފައެވެ. އެއާއި އެކީ ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އިރާނުގައި ގިނަ ދުވަސްތަކެއް ވަންދެން ފިއްލަވައިގެން އުޅުއްވުމަށްފަހު ފްރާންސަށް ދިރިއުޅުން ބަދަލުކޮށްފައެވެ.

އަބުލްހަސަންގެ ވެރިކަމުގެ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިވަޑައިގަތެވެ. އޭގެ ތެރޭގައި ތެހެރާނުގައި ހުންނަ އެމެރިކާގެ އެމްބަސީ ހިސޯރު ކުރުމާއި ސައްދާމް ހުސެއިންގެ އެއްބާރުލުމާއި އެކީ އިރާގުގެ މީހުން އިރާނު ހިފުމަށް އައުން ފަދަ ހާދިސާތައް ހިމެނެއެވެ.