އަފްޣާނިސްތާނުގެ ވެރިކަމާ ތާލިބާނުން ހަވާލުވި ފަހުން ފުރަތަމަ ފަހަރަށް އެ ޖަމާއަތުގެ ވަފުދަކާ އެމެރިކާއިން ބައްދަލު ކޮށްފިއެވެ.

ތާލިބާނުންނާއި އެމެރިކާއިން ބޭއްވިި ބައްދަލުވުމުގައި އާ ފެށުމަކުން ދެ ގައުމުގެ ގުޅުން ފެށުމަށް މަޝްވަރާ ކުރެވުނު ކަމަށް އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ ދޯހާގައެވެ. އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރ މުލާ އާމިރް ޙާން ވިދާޅުވީ މަޝްވަރާގައި ބޮޑަށް ވާހަކަ ދެކެވިފައިވަނީ އަފްޣާނިސްތާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ކަމަށެވެ.

އަދި އެމެރިކާއިން ހިފަހައްޓާފައިވާ އަފްޣާނިސްތާނުގެ ފައިސާތައް ދޫކުރުމަށް އެދިފައިވާކަން މުލާ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އަފްޣާނިސްތާނަށް ބޭނުންވާ ވެކްސިން އެމެރިކާއިން ހަދިޔާ ކޮށްދިނުމަށް މި ބައްދަލުވުމުގައި ނިންމާފައިވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާނު މިދިޔަ ހުކުރު ދުވަހު ވިދާޅުވީ އެންމެ ބޮޑު އަމާޒަކަށް މިހާރު ވެފައިވަނީ އަފްޣާނުގެ ރައްޔިތުންނަށާއި، އެމެރިކާ އަދި އަފްޣާނުގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުންނަށް ރައްކާތެރިކަމާއެކު ފުރޭނެކަން ކަށަވަރުން ކުރުން ކަމަށެވެ. މީގެ އިތުރުން އަންހެނުންނާއި، އަންހެން ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ތާލިބާނުންނަށް ބާރުއަޅާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ތާލިބާނުންގެ ބާރުގެ ދަށަށް ވަރަށް ފަސޭހަކަމާއެކު އަފްޣާނިސްތާން ގެނައުމަށްފަހު އެ ޖަމާއަތުންވަނީ އެ ގައުމުގެ ނަން އިސްލާމިކް އެމިރޭޓު އޮފް އަފްޣާނިސްތާނަށް ބަދަލުކޮށްފައެވެ. ނަމަވެސް ބައިމަދު ނަސްލުތަކަށް ނިސްބަތްވާ މީހުންނާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް ނުދޭކަމަށް ބުނެ ތާލިބާނުންގެ ވެރިކަން ބަލައިގަތުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ދެކޮޅުހަދައެވެ.