އަވައްޓެރި ސްރީލަންކާގައި ކައްކާ ގޭހުގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފިއެވެ.

ސްރީލަންކާގައި އެންމެ ގިނަ އަދަދަކަށް ކައްކާ ގޭސް ވިއްކާ ލިޓްރޯ ގޭސް އިން ދެންމެ ކުރި އިއުލާނެއްގައި ބުނީ މިރޭ މެންދަމުން ފެށިގެން ކައްކާ ގޭހުގެ އަގަށް ބަދަލު އަންނާނެ ކަމަށެވެ.

މިރެއިން ފެށިގެން ދެން 12.5 ކިލޯގެ ގޭސް ފުޅިއެއް ވިއްކާނީ -/2750 ރުޕީސް އަށެވެ. އެއީ ކުރިން -/1493 ރުޕީސް އަށް ވިއްކި ގޭސް ފުޅިއެވެ. ފަސް ކިލޯގެ ގޭސް ފުޅިއެއް ދެން ވިއްކާނީ -/1101 ރުޕީސް އަށެވެ. އެއީ ކުރިން -/598 ރުޕީސް އަށް ވިއްކި ގޭސް ފުޅިއެވެ. 2.5 ކިލޯގެ ގޭސް ފުޅިއެއް ދެން ވިއްކާނީ -/520 ރުޕީސް އަށެވެ. އެއީ ކުރިން -/289 ރުޕީސް އަށް ވިއްކި ގޭސް ފުޅިއެވެ.

ލިޓްރޯ ގޭސް އިން ކައްކާ ގޭހުގެ އަގު ބޮޑު މިކުރީ ލަންކާ ސަރުކާރުން ކަނޑައަޅާފައި އޮންނަ ކައްކާ ގޭހުގެ ކޮންޓްރޯލް އަގު މިދިޔަ ހަފްތާގައި އުވާލުމުންނެވެ.

ލަންކާ ސަރުކާރުން ވަނީ ގޭހުގެ އިތުރުން ފުށާއި ހަކުރާއި ކުރުގެ ކޮންޓްރޯލް އަގު ވެސް މިދިޔަ ހުކުރު ދުވަހު އުވާލާފައެވެ. އެބަދަލު ގެނައީ ބައެއް ތަކެތި ލަންކާ އަށް އެތެރެވުން މަދުވެ ސަޕްލައިއަށް އަސަރު ކުރަން ފެށުމުންނެވެ. ލަންކާ ސަރުކާރުން ބުނީ ކޮންޓްރޯލް އަގު އުވާލުމުން ސަޕްލައި އިތުރުވެގެން ދާނެ ކަމަށެވެ.

ސްރީލަންކާގެ ދާހިލީ ހަނގުރާމައަށް ފަހު އެގައުމު އާރާސްތު ކުރަން ފެށި ބޮޑެތި މަޝްރޫއުތަކާއި ގުޅިގެން ސަރުކާރުގެ ހަރަދު ބޮޑުވެ އިގްތިސޯދީ މައްސަލަތައް ކުރިމަތިވިއެވެ. 2019 ވަނަ އަހަރު އެގައުމުގައި ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރުކޮށް އިގްތިސޯދީ ހާލަތު އިތުރަށް ގޯސްވިއެވެ. އެއަޑިގަނޑުން އަރައިނުގަނެވެނީސް ކޮވިޑް ކުރިމަތިވެ އަނެއްކާ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.