ކޮވިޑް-19 އިން ދިފާއު ވުމަށް އިނގިރޭސި ވިލާތުން އުފެއްދި ވެކްސިންގެ ބްލޫޕްރިންޓެއް ރަޝިއާ އިން ވަގަށް ނަގައިފި ކަމަށް ތުހުމަތުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާ އިން ވަގަށް ނަގާފައި ވަނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް/އެސްޓްރާޒެނެކާ ވެކްސިންގެ ބްލޫ ޕްރިންޓެކެވެ. އަދި ވެކްސިންގެ ޕްލޫޕްރިންގެ ވަގަށް ނަގައި ރަޝިއާ އިން އެފަދަ ވެކްސިނެއް އުފައްދާފައި ނަމެއްވެސް ދީފައިވާކަމަށް ތުހުމަތު ކުރެއެވެ.

"ސްޕޫޓްނިކް ވީ" ނަމަކަށް ކިޔާ ރަޝިއާގެ މި ވެކްސިނަކީ އަސްލު އިނގިރޭސި ވިލާތުން އުފެއްދި ވެކްސިނެއް ކަމަށް ތުހުމަތުކުރާ އިރު މި ވެކްސިން ރަޝިޔާ އިން އުފައްދައި ތަހުލީލުކޮށް އެތައް ބަޔަކަށް މިހާރު ވަނީ ދީފައެވެ. އަދި ވެކްސިނުން ކޮވިޑާ ދެކޮޅަށް ކުރާ އަސަރު ވެސް ރަނގަޅު ކަމަށް ރަޝިއާާ އިން ބުނެއެވެ.

ރަޝިއާގެ ރައީސް ވްލަޑްމިއާ ޕޫޓިން ވެސް ވަނީ މި ވެކްސިން ޖަހައިފައެވެ. އޭނާ ވަނީ އެގައުމުގެ ރައްޔިތުންވެސް ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު ޗައިނާއިން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އަށް ފޮނުވި ޑޭޓާގެ މައްޗަށް ބުރަވެ އެގައުމުން ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން އުފައްދައިފައެވެ. އޭޕްރީލް 23 ވަނަ ދުވަހު މި ވެކްސިން އިންސާނުން ގަޔަށް ޖަހައި ރައްކާތެރިތޯ ތަހުލީލު ކުރިއެވެ.

މެއި މަހު ރަޝިއާއިން ވަނީ އެގައުމުން ވެސް ކޮވިޑުން ދިފާއު ވުމަށް ވެކްސިނެއް އުފައްދިކަން ހާމަކޮށްފައެވެ. މި ވެކްސިން އުފެއްދީ އޮކްސްފޯޑް ގައި ހުރި ރަޝިއާގެ ސިއްރު އެޖެންޓެއް ވެކްސިންގެ ބްލޫ ޕްރިންޓް ރަޝިޔާ އަށް ފޮނުވައިގެން ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކުރެއެވެ.